ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒް، އައްޔަން ކުރުމަށް ފާސް ކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓް ދެއްވައި ގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މަހާޒްގެ އިތުރުން ފާތުމަތު ދިޔާނާ ސައީދާއި ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށެވެ. އެއީ އެ ދެބޭފުޅުންނާއެކު އެ މަގާމަށް ކުރިމަތި ލެއްވި، ހަ ބޭފުޅުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް ފޮނުއްވެވުމުން ޖޭއެސްސީން ދިން ލަފަޔާ ގުޅިގެންނެވެ.

ޖޭއެސްސީން ވެސް ރައީސް އަށް ލަފާ ދެއްވީ އެ ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެ މަގާމަށް އައްޔަން ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހުން އެ ދެ މަގާމަށް އައްޔަންކުރެއްވީ ޑރ. އަޒްމިރަލްޑާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒު އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރި އިރު، އެމްޑީޕީން ވަނީ މަހާޒަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ.