އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމާއި ހުށަހަޅާ އާ ކަންކަމުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ އަދި ވޯކް ޕާމިޓް ފީ ނަގާ އުސޫލަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ މި ނިންމުން ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި 2022-2022 ގެ ފިސްކަލް ސްޓްރެޓިޖީ އަންގައިދޭ ބަޔާނުގައެވެ.
ދައުލަތަށް އަންނަ އަހަރު ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ އަދި ވޯކް ޕާމިޓް ފީ ނަގާ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުންވެސް އެހެން އިތުރު އުސޫލުތަކަށް ބަދަލު ގެންނާނެ ކަމަށް ފިނޭންސުން ބުނެއެވެ. އެގޮތުން އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ފިނޭންސުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ގެނެވޭ ބަދަލު ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ވެސް އިންކަމް ޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކްސް އެވެ. އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ، އޭޑީސީ ނަގާ އުސޫލަށް ބަދަލު ގެނެސް ގިންތި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސުން ބުނެއެވެ. މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭޑީސީގެ ގޮތުގައި ބޭރުމީހެއްގެ އަތުން 25 ޑޮލަރު އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގައެވެ.
ފިނޭންސުން ބުނި ގޮތުގައި މި ބަދަލުތަކާއެކު އަންނަ އަހަރު އާމްދަނީ އަށް އިތުރު 2523.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކުރެވެއެވެ.