ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މަހުލޫފް ވަނީ މިރޭ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޯމް ހަވާލު ކުރައްވާފައެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީއަށް ސޮއިކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބޭނުންވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.
މިރޭ އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު، ޕީޕީއެމް އިން ވަކިކުރިފަހުން އޭނާ އަނަންނަނީ އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ޕާޓީއަށް ސޮއިކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް މިދިޔަ މަހުގެ ތެރޭގައި އޭނާ ދެއްވިއެވެ.
ޕީޕީއެމްގެ މެމްބަރުކަމުން މަހުލޫފް ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.
މަހުލޫފް ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އަހުމަދު އަދީބު އަބްދުލް ޣަފޫރު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އަދީބަށް އެކި ތުހުމަތުކޮށް، އެކަންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
އޭރު އަދީބާ ދެކޮޅަށް މަހުލޫފް ވާހަކަ ދައްކަވާތީ ރައީސް ޔާމީން އޭނައާ މެދު ނުރުހެއެވެ.
ޕީޕީއެމް އިން ވަކިކުރުމާ އެކު އިދިކޮޅު ކޯލިޝަންގައި މަހުލޫފް ވަނީ އިސްކޮށް ހަރަކާތްތެރިވާން ފައްޓާފައެވެ. އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާތަކުގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ކުރި ދެ ދައުވާ ސާބިތުވެ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހުލޫފަށް އިއްވިއެވެ. އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފައެވެ.