މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

އަންނަ އަަހަރުގެ ބަޖެޓު 40 ބިލިއަން ރުފިޔާއަށް

އާނިފާ ހުސެއިން ސިރާޖް

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ އަދަދު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓު އަންދާޒާކޮށް ފެނޭންސް މިނިސްޓްރީން އާންމުކުރި "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުން ދައްކާގޮތުން، އަންނަ އަހަރުގެ ޖުމުލަ ބަޖެޓު ހުންނާނެ ކަމަށް ލަފާ ކުރެވެނީ 39.55 ބިލިއަން ރުފިޔާގައެވެ.

މީގެ ތެރެއިން ޖުމުލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަންނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ހަރަދުގެ ގޮތުގައި 20 ބިިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ބޭސްލައިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ބެލެވެނީ 11.7 ބިލިއަން ރުފިޔާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އަންދާޒާ ތަކުން ދައްކައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ބޭސްލައިން އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

މި އަދަދުތަކާއެކު ފިސްކަލް ސްޓްރެޓެޖީ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށާއި މިކަރުދާހުގައި ބޭނުންކޮށްފައިވާ އަދަދުތަކަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ އަންދާޒާތަކުގެ މައްޗަށް ބިނާކޮށް ހޯދިފައިވާ ނަންބަރުތަކެއްކަމުން މި އަދަދުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަންނަ އަހަރު 39.55 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންދާޒާކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ.

2020 ވަނަ އަހަރު އަލަށް ތައާރަފުކުރާ ސިޔާސަތުތައް ނުވަތަ އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެވެއެވެ.