ބޮޑެތި ވާހަކަ ހިމެނޭ ފިލްމުތަކުން ކުޑަ ބްރޭކެއް ނެގުމަށްފަހު ބަތަލު އަކްޝޭ ކުމާރު މިދުވަސްވަރު ފެނިގެންދަނީ ކޮމެޑީ ފިލްމުތަކުންނެވެ.
އަކްޝޭގެ ފިލްމު ހައުސްފުލް 4 ރިލީސްވިތާ ދެތިން ދުވަސްވެފައިވާއިރު އެ ފިލްމަށް ހީކުރިހާ ބޯޑު ކާމިޔާބީއެއް ނުލިބެއެވެ. ނަމަވެސް އަކްޝޭގެ ކޮމެޑީ ދެ ފިލްމެއް މިއަންނަ އަހަރު ރިލީސްވާނެއެވެ.
އަކްޝޭ ބުނި ގޮތުގައި ކޮމެޑީ ފިލްމު ކުޅުނުކަމުގައިވިޔަސް އެ ފިލްމުތައް ޗޫޒް ކުރާއިރު އޭގެ ވާހަކަ އާއި ސްކްރިޕްޓަށް ބަލައެވެ.
"ފިލްމެއް ކުޅެން އެއްބަސްވާއިރު ފުރަތަމަ އޭގެ ސްކްރިޕްޓްށް ބަލަނީ. ސެލެކްޓް ކުރާ ސްކްރިޕްޓަކީ އޯޑިއަންސް ބަލަން ބޭނުންވާކަހަލަ ސްކްރިޕްޓެއްތޯ ބަލަން،. ފިލްމުގެ ޑައިރެކްޓަރަކީ ކާކުތޯ މުހިންމެއް ނޫން. އާ ޑައިރެކްޓަރެއްތޯ ނުވަތަ ކާމިޔާބު މީހެއްތޯއެއް ނުބަލަަން. އެންމެ މުހިންމީ ފިލްމެއްގަ ވިއްޔާ އޭގެ ވާހަކަ އަދި ސްކްރިޕްޓް." އަކްޝޭ ބުންޏެވެ.
އަކްޝޭ އަކީ އެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއްވެސް މެއެވެ. އޭނާއަކީ އާންމުގޮތެއްގައި އޭނާ ކުޅޭ ފިލްމުތަކުގެ ސްކްރިޕްޓްތަކަށް ހިޔާލު ހުށަހަޅާ ތަރިއެކެވެ. ނޫސްވެރިންވަނީ އަކްޝޭ ފިލްމުގެއް ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުރޭތޯ ސުވާލުކޮށްފައެވެ.
"އަދި ފިލްމެއްގެ ވާހަކައެއް ލިޔުމާމެދު ނުވިސްނަން. އެކަމަކު ނުކުރާނަމަކޭވެސް ނުބުނެވޭނެ. ފިލްމު ޕްރޮޑިއުސްކުރާނަމެކޭ ވެސް ކުރިޔަކުން ހިތަކަށް ނާރާ. އެކަމަކު މިއަދު އެކަންވެސް މިކުރަނީ. ވާހަކަ ލިޔުމަށް މިވަގުތު ޝައުގެއް ނެތް. މިހާރު މިކުރާ ކަމަކީ ޑައިރެކްޓަރުންނަށް އެމީހުން ގެންނަ ވާހަކަ ނުވަތަ ސްކްރިޕްޓްތަކަށް ހިޔާލު ހުށަހެޅުން." އަކްޝޭ ބުންޏެވެ.
އަކްޝޭ އިތުރަށް ބުނީ ފިލްމުގެ ސްކްރިޕްޓްތަކަށް ހިޔާކު ހުށަހެޅުމަކީ ގިނަ އެކްޓަރުން ކުރާކަމެއް ކަމަށެވެ. އޭނާ ވަކި ތަފާތު ނުވަތަ މާ މޮޅުކަމެއް ކުރަނީ ނޫންކަމަށާއި، ފިލްމުގެ ވާހަކައަށް ހިޔާލު ހުށަހެޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށް އަކްޝޭ ބުންޏެވެ.