ގާސިމް އިބްރާހިމް

މިނިސްޓްރީތަކުގެ އަދަދު އިތުރުވިޔަސް، ހަރަދު ވަރަށް ކުޑަވާނެ: ގާސިމް

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ އަދަދު އިތުރުވެގެންދިޔަ ނަމަވެސް ސިޔާސީ މަގާމުތަކަށް ކުރައްވާ ހަރަދު ވަރަށް ބޮޑުތަން ކުޑަކުރެއްވުމުގެ ވިސްނުންފުޅު އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވެފައިވާ އިރު، އިބޫގެ ސަރުކާރުގައި މިނިސްޓްރީތަކުގެ އަދަދު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ވުރެ އިތުރުވާނެ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިގެން ގޮސްފައެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި އިބޫގެ ސަރުކާރުގައި 22 ނުވަތަ 23 މިނިސްޓްރީއެއް ހިމެނޭނެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިބޫގެ ސަރުކާރުގައި ހިމެނޭ ސިޔާސީ މަގާމުތަކުގެ އަދަދުތައް އަދި މުޅިން ނުނިންމަވާ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުރީ ހަރަދު ކުޑަކުރެވޭނެ ގޮތަށް. އެހެންނަމަވެސް މިނިސްޓްރީތަކުގެ އަދަދު ތަންކޮޅެއް އިތުރުވެގެންދާނެ. އެހެންނަމަވެސް މުޅި ޖުމްލަ ޕޮލިޓިކަލް ދާއިރާއަށް ކުރައްވާ ހަރަދު ވަރަށް ބޮޑުތަން ކުޑަކުރެއްވުމުގެ ވިސްނުންހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މާދަމާއާ ހަމައަށް މިނިސްޓްރީތަކުގެ އަދަދު ފައިނަލްވެގެން ލިސްޓު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާލެ ވަޑައިގެންނެވުމަށް ފަހު ކެބިނެޓުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ރައީސް މައުމޫން އަދި މާލެ ވަޑައިގެން ނެތް. މިމަހުގެ 14 ވަނަ ދުވަހު ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ. އެހެންވީމާ 14 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައި އެކަން ފައިނަލް ވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.