ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
ކުއެންޓް ރެސްޓޯރެންޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވަން މީޑިއާ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު އައިޝަތު ސަމާލީލްއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަންގެ އެސިސްޓަންޓް މާކެޓިން މެނޭޖަރު ހަޝްމާ ވިދާޅުވީ ވަން އަކީ އަބަދުވެސް ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދޭ މީޑިއާއެއް ކަމަށާއި ވަންގެ ކުޅިވަރު ޓީމުން އެ މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް ގެނެސްދޭނެ ކަމަށެވެ.
އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ވާހަކަދައްކަވަމުން ކޮމިޓީ މެމްބަރު ފާތިމަތު ރިޝްފާ ވިދާޅުވީ ވަންގެ ފަރާތުން މުބާރާތުގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ވަންއާއެކު ކުރާ މަސައްކަތުގެ ތެރެއިން މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބު އެމްޓީސީސީ އާއި 2017 ވަނަ އަހަރުގެ ޗެމްޕިއަން މޯލްޑިވްސް ގޭސް ހިމެނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހު ފަށާ ވިލި މުއައްސަސާ ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
ވިލިމާލެ ފުޓްސަލް ގްރައުންޑްގައި ބާއްވާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ އަންނަ މަހުގެ 17 ގައެވެ.
އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ.