ރައްޔިތުންގެ މަޖިލިސް

މަހާޒްއާ ދިޔާނާގެ ތެރެއިން ބޭފުޅަކު މާދަމާ ސުޕްރީމް ކޯޓަށް އައްޔަން ކުރާނެ

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު، މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މާދަމާ އައްޔަން ކުރާނެ އެވެ.

އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، ޖުޑިޝަރީން އެކުލަވައިލި ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށްފަހު ބަހުސްކޮށް ދެން އޮންނާނީ ވޯޓަށް އެހުމެވެ.

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވެސް މި ރިޕޯޓް ހުށަހަޅައި އެ ދެ ބޭފުޅުންނާ މެދު ގޮތެއް ނިންމަން އެޖެންޑާ ކުރިއެވެ. ނަމަވެސް އެދެ ބޭފުޅުންނާ ބެހޭގޮތުން، ކޮމިޓީން ގޮތެއް ނިންމާފައި ނެތްކަމަށް ވިދާޅުވެ މަޖިލިސް ރައީސް އެ ރިޕޯޓް އަލުން ކޮމިޓީއަށް ފޮނުވައި ލެއްވީއެވެ.

ނަމަވެސް ބައެއް މެންބަރުން އެކަމުގައި ދެކި ވަޑައިގަންނަވާ ގޮތް ހާމަކުރައްވައި މަޖިލިސް ރައީސް ކަންތައް ކުރެއްވީ ރަނގަޅަށް ނޫންކަމަށް ވިދާޅުވުމުން މަޖިލިސް ރައީސްގެ ނިންމުން ބަދަލު ކުރައްވައި އެ ރިޕޯޓް އޮތް ގޮތަށް އަލުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެޖެންޑާ ކުރުމަށް ނިންމެވީއެވެ.

މެންބަރުން ވިދާޅުވީ އެތަނުން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރަން ނިންމުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެ އްނޫން ކަމަށެވެ. ކޮމިޓީގެ މަސްއޫލިއްޔަތަކީ އެ ދެބޭފުޅުންގެ ނަން ދިރާސާ ކުރުމާއި އެ ނަންތައް އައިސްފައިވަނީ ރަނގަޅަށްތޯ ބެލުން ކަމަށާއި އެތަނުން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރުހުން ދިނުމަކީ މަޖިލީހުގެ ތަޅުމުން މެންބަރުން ވޯޓު ދެއްވައިގެން ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

މަހާޒް އާއި ދިޔާނާގެ ތެރެއިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ އެ ދެބޭފުޅުންނާއެކު އެ މަގާމަށް ކުރިމަތި ލެއްވި، ހަ ބޭފުޅުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސް ފޮނުއްވެވުމުން ޖޭއެސްސީން ދިން ލަފައާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވެފައިވަނީ ކުރިން ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުކަމުގެ މަގާމުން އަބްދުﷲ ދީދީ، ވަކިކޮށްފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހުން އެ ދެ މަގާމަށް އައްޔަންކުރެއްވީ ޑރ. އަޒްމިރަލްޑާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.