މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާންކުރި މ. ކުރިރުއްގެ، އިރުފާން ރުޝްދީ އާއި އޭނާ ދަތުރުކުރަމުން ދިޔަ ލޯންޗުގައި ތިބި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އިރުފާން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ތިނަދޫއާ 15 މޭލު ބޭރުން ޕެޓްރޯލް ހުސްވެގެން ހުއްޓުނު "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗަކުން އިތުރު ތިން މީހުންނާ އެކުއެވެ.
އަދި އެ ދުވަހު، "ބްލޫ ވޭލް" ލޯންޗު ތިނަދުއަށް ގެންގޮސް، ބެލި ބެލުމުން ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ލޯންޗުގައި ހުރުމުން ހަތަރު މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު އިއްޔެ ދީފައިވާ ކަމަށެވެ.
މަރު ކޮމިޝަނުން ބުނީ މީގެ ކުރިން ވެސް ހޯދަން އިއުލާންކުރި އިރުފާން ތިން އަހަރާއި ބައި ވީ އިރުވެސް ދައުލަތުގެ މުއައްސަސާތަކަށް ހޯދިފައި ނުވާ ކަމަށެވެ. އަދި 2015ގައި އޭނާ ރާއްޖެއިން ބޭރަށް ދިޔަ ފަހުން ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް، 2016ގައި މީހަކު މަރާލި ތަނުގައި އޭނާ ހުރިކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
މީގެ ކުރިން މަރުގެ މައްސަލައެއްގައި ފުލުހުން އިރުފާން ހޯދަން އިއުލާންކުރީ 2016ގެ ޖޫން މަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލައިގައެވެ.