ރިޔާސީ އިންތިހާބު

ރީކޯއާއި ޝައިނީ ބަލި ގަބޫލުކުރައްވައިފި

އިއްޔެ ނިމިގެން ދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންޝް ކޮމިޝަނުން އިއުލާން ކޮށްފައިވާ އިރު، ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އިލެކްޝަންސް އިން އިއުލާން ކުރި ވަގުތީ ނަތީޖާގައިވާ ގޮތުން، އިންތިހާބުގައި ވާދަކުރި މިހާރުގެ ރައީސް، ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 1،34،616 ވޯޓު ލިބިފައިވެއެވެ.

ޖުމްލަ 2،33،877 މީހުން މިއަހަރުގެ އިންތިހާބުގައި ވޯޓުލާފައިވާ އިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 26،2،135 މީހުނަށެވެ. ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 2،30،748 ވޯޓެވެ.

އިއްޔެގެ އިންތިހާބު ބޮޑުތަނުން އިބޫ ކާމިޔާބުކުރައްވާފައިވީ ނަމަވެސް، ސަރުކާރުގެ ފަރާތުން އަދި ބަހެއް ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުގެ ފަޅިން މިހާތަނަށް ޓްވީޓްކޮށް، މީސް މީޑިއާގައި އެއްޗެއް ބުނެފައި ވަނީވެސް މަދު ބައެކެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ކެމްޕޭނުގައި އެއްމެ ބުރަކޮށް މަސައްކަތް ކުރި އެއް ބޭފުޅެއް ކަމަށްވާ، މަޖިލީހުގެ ނައިބު ރައީސް، (ރީކޯ) މޫސާ މަނިކު ހިމެނނެއެވެ. ރީކޯ ކުރެއްވި ޓްވީޓެއްގައި ކުރުކޮށް ބުނެފައި ވަނީ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރީކޯގެ ޓްވީޓް

ރީކޯގެ އިތުރުން ދެން ސަރުކާރުގެ ފަރާތުން ޓްވީޓްކޮށްފައި ވަނީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއެވެ. ޝައިނީގެ ޓްވީޓްގައި ބުނެފައި ވަނީ މިއަދަކީ މުޅިން އާ ސަފްހާއެއް ފެށޭނެ ދުވަސް ކަމަށާއި، ސިޔާސީ ކަންކަމަކީ މިފަދަ ގޮތްގޮތަށް ދިމާވާ ކަންކަން ކަމަށެވެ. އަދި ބަލި ގަބޫލުކުރުގެ ހިތްވަރު، ވެރިންނަށް ދެއްވާތޯ ޝައިނީ ވަނީ ދުއާކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން އިންތިހާބު ކާމިޔާބުކުރި ކަމަށް އިލެކްޝަންސްގެ ވަގުތީ ނަތީޖާއިންވެސް ދައްކާ އިރު، އިއްތިހާދުން ރޭ ވަނީ އުފާފާޅުކޮށްފައެވެ. އަދި ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ އިބޫ ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުކުރުމުގެ ކަންކަން ވީހާވެސް އަމާންކޮށް ގެންދިޔުމަށް ރައީސް ޔާމީނަށް ގޮވާލާ ކަމަށާއި، ސަރުކާރުން ބަލި ގަބޫލުކުރެއްވުމަށެވެ.