ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައި ނޯންނާނެ ކަަމަށާއި އޭނާ ލައްވާ ސިޔާސީ ކުޅި ކުޅެން ނޫޅުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.
ހުސެއިން ވަހީދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. މި ފޭސްބުކް ޕޯސްޓަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ދުވަސްވަރު އޭނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު އަތުން ފައިސާ ނެންގެވި ކަމަށް ބުނެ މީޑިއާއަށް ތިލަވެފައިވާ ހަބަރާ ގުޅިގެން އޭނާ ކުރެއްވި ޕޯސްޓެކެވެ.
މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ކޮށްގެން ލިޔަން ބޭނުން މީހަކަށް އެމީހަކު ބޭނުން އެއްޗެއް ލިޔެވިދާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި މިހާތަނަށް އުޅުއްވީ އިސް އުފުލައިގެން ކަމަށާއި، ކުރިއަށް އޮތްތާގައި އުޅޭނީވެސް އިސް އުފުލައިގެން ކަމަށް ވަހީދު ވިދާޅުވިއެވެ.
ދައްކާނެ ވާހަކައެއް ނެތްނަމަ އެމްޑީއެން އުވާލުމަށް ގޮވާލައިގެން ރައްޔިތުން މާ އުފާ ވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވަނީ އެމްޑީއެން އުވާލުމަށް ގޮވާލައްވާފައެވެ. އަދި އެހެން މީހުން ކުޅޭ ސިޔާސީ ކުޅިވަރު އޭނާ ލައްވާ ކުޅުމަށް މަސައްކަތް ނުކުރުމަށް އެދި ވަހީދު ވިދާޅުވީ މާތް ﷲ ގަންދީ ކުރި ހުވާ މަތީ އަބަދުމެ ދެމި ހުންނަވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިދިޔަ ހަފުތާ ތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަަމަވެސް މި ފައިސާ ލިބިފައިވަނީ ކޮންބަޔަކަށް ކަމެއް ސީޕީ ވިދާޅެއް ނުވެއެވެ.