ރައްޔިތުންގެ މަޖިލިސް

މެންބަރުން ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު މަޖިލިސް އިދާރާގައި ހަމަޖައްސައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ އިދާރާގައި އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަަވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިންތިޒާމު މަޖިލީހުގެ އިދާރާގައި މިހާރު ހަމަޖައްސަވާފައި ވާކަމަށެވެ.

އެ މަސައްކަތް ރާވައި ހިންގަނީ މަޖިލީހުގެ އިދާރާގެ މެންބަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ކަމަށް ވެސް ނިއުޝާ ވިދާޅުވި އެވެ. ނިއުޝާ ވިދާޅުވީ، ދާއިރާތަކުގެ ރައްޔިތުންނާ މެންބަރަކު ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންނެވުމުން، އެ ސެކްޝަނުން އެކަން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނާ ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރިއިރު މަޖިލިސް މެންބަރުންނާއި، އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލު ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.