ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޑރ. ޖަމީލް، ރައީސް ޞޯލިހަށް: އިސްކުރައްވަންވީ ދީން، އިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން!

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިސްކުރައްވަންވީ ދީން ރައްކާތެރިކުރުން ކަމަށާއި އިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށެވެ. "ދީނާއި ގައުމީ ސަލާމަތާ ވަކި ނުކުރެވޭނެ" ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވާއިރު، އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުނުކުރުމަށް އެ ޔުނިވަސިޓީން ވަނީ އަންގާފައެވެ. ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އެގޮތަށް އަންގަވާފައިވަނީ ސަރުކާރަށް އެކަން ފާހަގަވެ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކުރަމުންދާތީ ކަމަށް ބުނެއެވެ.

އެމްޑީއެންގެ ރިޕޯޓާ މެދު ގިނަ ރަށްތަކެއްގެ ކައުންސިލުން އެއްވެ އިހުތިޖާޖުކުރަމުން އަންނައިރު، ގާނޫނާ ހިލާފަށް އެއްވެ އުޅުމުގެ ފުރުސަތެއް ނުދޭނެ ކަމަށާއި ގާނޫނާ ހިލާފަށް އެއްވާނަމަ އެ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީއެން އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި، މިދިޔަ ހުކުރު ދުވަހު މާލޭގައިވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.