ގާސިމް އިބްރާހިމް

ރާއްޖެ ދެކެމުންމިދާ ޑިމޮކްރަސީގެ ހަގީގީ ބާނީއަކީ ގާސިމް: ކާނަލް ނާޒިމް

ދިވެހިރާއްޖެ ދެކެމުންމިދާ ޑިމޮކްރަސީގެ ހަގީގީ ބާނީއަކީ ގާސިމް އިބްރާހީމް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ކާނަލް ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަރަކާތުގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ފަދައިން ދިވެހިރާއްޖެ ދެކެމުންމިދާ ޑިމޮކްރަސީގެ ހަގީގީ ބާނީއަކީ އަޅުގަނޑުމެންގެ މި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް. އަޅުގަނޑު ގަބޫލުކުރަނީ ގާސިމް އިބްރާހިމްގެ ބެއްލެވުމުގެ ދަށުން މި ހިނގާ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރީގައި ކަންތައް ވެގެންދިޔަ ގޮތާ ހިލާފަށް ޖޭޕީއަކީ އެހެން ޕާޓީތަކުން އެ ޕާޓީއެއްގެ ފަހަތުން މަސައްކަތްކުރާ ޕާޓީއަކަށް ވެގެންދާތަން ބަލަން ބޭނުންވާ ކަމަށާއި އެކުގައި މަސައްކަތްކޮށްގެން އެ އަމާޒަށް ވާސިލުވާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ ޕާޓީއާ ގިނަ ބަޔަކު ގުޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއް. މި ޕާޓީއަށް ވަރަށް ގިނަ ޒުވާނުންތަކެއް ގުޅެމުން އެބަދޭ. އަދި ކުރިއަށްއޮތް ތަނުގައި މި ޕާޓީއަށް ވަރަށް ގިނަ ޒުވާނުންތަކެއް ގުޅޭނެ. އަޅުގަނޑަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ޕާޓީއާ ގުޅިގެންދާނެ. އަދި އިތުރު އެތައް އިސް ފަރާތްތަކެއް ގުޅޭނެ ކަމުގެ އިޝާރާތްތަކެއް ލީޑަރު އެ ދެއްވީ،" އޭނާ ވިދާޅުވިއެވެ.