އިބްރާހިމް ޒަކީ
ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް، ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެދާރާއިން ބުނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް، ވަޒީފާއިން ވަކި ކުރުމަށް އެ މުވައްޒިފުންނަށް ނޯޓިސް ދީފައިވާ މައްސަލައިގައި، އެ މުވައްޒިފުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުން ކޮމިޓީން މިއަދު ކުރިއަށް ގެންދާނެ ކަމަށެެވެ. އަދި އެ މައްސަލަ މިއަދު 2:30ގައި ބާއްވަން ހަމަޖައްސާފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުމަށް އެޖެންޑާ ކޮށްފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރައިން ބުނެފައިވެއެވެ.
ވަޒީފާއިން ވަކި ކުރުމުގެ ނޯޓިސް، ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް ދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ މުވައްޒަފުންނަށް ނޯޓިސް ދީފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތް ހޯދާ ރައްޔިތުންނާ މެދު އިހާނެތިކޮށް ހިތައި، ދަށްފެންވަރުގެ ހިދުމަތްދޭ މުވައްޒަފުންނާ މެދު، މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެފައި ވަނިކޮށެވެ.
ނަހުލާ އެހެން ވިދާޅުވީވެސް ޓްރާސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކިކުރަން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އެ މައްސަލައާ ބެހޭ ގޮތުން މިނިސްޓަރާ ސުވާލު ކުރުމުންނެވެ.
ބައެއް މުވައްޒަފުންނަށް ނޯޓިސް ދިންކަން މިނިސްޓްރީން ކަށަވަރު ކޮށްދިން ނަމަވެސް އެއީ ކިތައް މުވައްޒަފުން ކަމެއް ބުނެފައެއް ނުވެއެވެ.
ބައެއް މުވައްޒަފުންގެ ފަރުވާ ކުޑަވެގެން ޓްރާންސްޕޯޓް މިނިސްޓްރީން އެ މައްސަލަ މީގެ ކުރިން ސިވިލްސާވިސްއަށް ވެސް ހުށަހެޅިއެވެ. އަދި އެ މުވައްޒިފުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ސިވިލްސާވިސް ކޮމިޝަނުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެއްވެސް ތަނަކުން ހިދުމަތް ހޯދަން ދާ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން ޓްރާންސްޕޯޓް މިނިސްޓްރީ، ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީ، ނޫނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތް ހިނގަމުން އަންނަ އެހެން އޮފީހެއްގައި ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާމެދު ނިކަމެތިކޮށް އަމަލު ކުރާތަން ފެނުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން، އެގޮތަށް އަމަލުކުރާ ނޫނީ ދަށްފެންވަރުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.