މާލޭ ސިޓީ ކައުންސިލް

މަރުވެފައިތިބި ދެމީހެއްގެ ނަމުގައި ހިންގަމުންދިޔަ ކެފޭގެ ހުއްދަ ބާތިލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މަރުވެފައިވާ ދެމީހެއްގެ ނަމުގައި ނަގާފައިވާ ހުއްދައެއްގެ ދަށުން ހިންގަމުންދިޔަ ކެފޭގެ ހުއްދަ ސިޓި ކައުންސިލުން ބާތިލުކޮށްފިއެވެ.

މއ.ވާދޫގެ ތިރީބުރީގައި ދާއިމީކޮށް ކެފޭ ހިންގުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ލިބުނު ރިޕޯޓަކާ ގުޅިގެން ބެލި ބެލުމުން އެ ހުއްދައަކީ މަރުވެފައިވާ ދެ ފަރާތެއްގެ ނަމުގައި އެޕްލިކޭޝަނެއް ހުށަހެޅުމަށްފަހު ނަގާފައިވާ ހުއްދައެއްކަން އެނގިފައިވާ ކަމަށެވެ.

އަދި މިހާރު އެ ހުއްދަ ބާތިލުކޮށް، މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓި ކައުންސިލުން ކޮށްފައިވާ ޓުވީޓާއެކު ކެފޭ ހިންގުމަށް ދިން ހުއްދައިގެ ސެޓްފިކެޓްވެސް ފެންނަން އޮތް އިރު، އެ ސެޓްފިކެޓުން އެނގޭ ގޮތުގައި ކެފޭ ހިންގުމަށް ހުއްދަ ދީފައިވަނީ އިބްރާހިމް ރަޝީދާއި ހައްވާ މުހައްމަދު ކިޔާ ދެ މީހަކަށެވެ.