މާދަމާ ވެސް މުހިންމު ބޭފުޅަކު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ މިއަދު ޖޭޕީއަށް ސޮއިކުރައްވައިފައެވެ. ޖޭޕީއަށް ސޮއިކުރެއްވުމާއެކު ޖޭޕީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ކާނަލް ނާޒިމް ވަނީ ހަމަޖައްސައިފައެވެ.
ކާނަލް ނާޒިމް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ޖޭޕީއާ ގުޅުމަކީ އެ ޕާޓީއަށް ލިބޭ ކުރިއެރުމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. މާދަމާ ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ބޭފުޅާކީ ކޮން ބޭފުޅެއް ކަމެއް ގާސިމް ވިދާޅުވެފައެއް ނުވެއެވެ.
"މާދަމާ ވެސް އަނެއްކާ އެހެން މުހިންމު ބޭފުޅަކު ގުޅިވަޑައިގަންނަވާނެ މި ޕާޓީއާ. ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ފުންނާބު އުސް ބޭފުޅުން އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމަކީ އިރާދަކުރެއްވިއްޔާ ޖުމްހޫރީ ޕާޓީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކޭ. ހަމައެއާއެކު ކާނަލް ނާޒިމަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމުގައި ދެކޭ ކަމަށެވެ.