ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 763 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 190،750 ޖޫރިމަނާއަށް އަރައެވެ.
މިމަހުގެ 19 އާއި 25 އާ ދެމެދުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޖުމުލަ 763 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، 48 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.
މި މުއްދަތުގައި 41 އެކްސިޑެންޓް ހިނގައި 11 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންޓުތަކާ ގުޅިގެން ފަސް މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.
ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 53 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 111 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 20 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ.
މި މުއްދަތުގެ ތެރޭގައި ޖުމުލަ 819 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 35 ވެހިކަލެއް ރިކޯޑުކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އަހަރީ ފީ ނުދައްކާ 23 ވެހިކަލެއްގެ މައްސަލަވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރިކޯޑު ކޮށްފައެވެ.