ޝަހީދާ އަބްދުﷲ ސައީދު
މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ މާދަން ރޭ މާލޭގައި ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.
އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އަންގާރަ ދުވަހުގެރޭ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާއެއް ހއ. އުތީމުގައި ބޭއްވުމަށްވެސް ހަމަޖައްސާފައި ވެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ފަހުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ.
މި މަތިވެރި ޖިހާދުގެ ފަހުވެރި ބަތޮލަކީ، ހއ. އުތީމު ހުސައިން ހަތީބު ތަކުރުފާނުގެ ދަރިކަލުން އަލްޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ހަމައެކަނި ދުވަހަކީ ގައުމީދުވަހެވެ.
ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ގައުމީ ޖިހާދުގައި، ދިވެހިންނަށް ނަސްރުލިބުނީ މީލާދީން 2 ޖުލައި 1573 ގައެވެ. ބޮޑުތަކުރުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ކަމެއްގެ ގޮތުގައި އިސްލާމް ދީން ފަތުރުއްވައި، ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި މިއަދު ވެސް ބޭނުންކުރަމުން އަންނަ "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެއްވި އެވެ.