ކާނަލް މުހައްމަދު ނާޒިމް

ކާނަލް ނާޒިމް ޖޭޕީއަށް ސޮއިކޮށްފި

މުހައްމަދު އައުޒަމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރައްވައިފިއެވެ.

ކާނަލް ނާޒިމް، ޖޭޕީއަށް ސޮއިކުރައްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި މ. ކުނޫޒުގައި ބޭއްވި ހަފްލާއެއްގައެވެ.

ޖޭޕީއަށް ކާނަލް ނާޒިމް ސޮއިކުރުމަށް ބޭއްވި ހަފްލާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބޭފުޅުންތަކެއް މިހާރު ޖޭޕީގައި ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފާހަގަކޮށްލެވެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.

އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައިވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.

ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.