ބޮލީވުޑް

ރިތިކް ރޯޝަން: އަހަރުގެ އެންމެ ކާމިޔާބު އެކްޓަރު

މިއަހަރަކީ ބަތަލު ރިތިކް ރޯޝަންއަށް އެންމެ ކާމިޔާބު އެއް އަހަރެވެ. ރިތިކްގެ ދެ ފިލްމު މިއަަހަރު ރިލީސްވެފައިވާ އިރު ދެ ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި އެންމެ ބޮޑު ފައިދާ ލިބުނު ފިލްމުތަކަށް ވެފައެވެ.

ރިތިކްގެ ދެ ފިލްމަށް އެެކަނިވެސް މިއަހަރުގެ މިހާތަނަށް 455 ކަރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ އިރު، މިއީ މިހާތަނަށް މިއަހަރު ބޮލީވުޑްގައި އެންމެ ބޮޑު ފައިދާ ވި ފިލްމުތަކެވެ.

ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ރިތިކް ބުނީ އެ ކާމިޔާބީ އަކީ އޭނާއަށް އެކަނި ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށްވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

"މީގެން ދައްކައިދެނީ ފިލްމެއްގެ ވާހަކަ ރީތިވީމަ ލިބޭ ކުރިއެރުން. އާޓިސްޓެއްގެ ގޮތުގައި އަހަރެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މިޒަމާނުގައިވެސް މިހާ ރީތި އަދި މޮޅު ސްކްރިޕްޓް ލިޔާ މީހުން ތިބޭތީ. ފިލްމް އުފެއްދުމުގައި މިލިބިފައިވާ ކުރިއެރުމަށްޓަކައި ވަރަށް އުފާކުރަން." ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ރިތިކް ބުންޏެވެ.

ރިތިކްގެ މިއަހަރު ރިލީސްކުރި ފިލްމު "ސުޕާ 30" އަށް މިހާތަނަށް 150 ކަރޯޑް އިންޑިއަން ރުޕީސް ލިބިފައިވާ އިރު، ދެވަނަ ފިލްމް "ވޯ" އަށް ވަނީ މިހާރުވެސް 300 ކަރޯޑް ރުޕީސްއަށް ވުރެ ބޮޑު ފައިދާއެއް ލިބިފައެވެ. މި ފިލްމު ތިއޭޓަރުގައި މިއަދުވެސް ދަނީ ކާމިޔާބުކަމާއެކު ހިނގަމުންނެވެ.

މި ދެފިލްމަށްވެސް ރިތިކް ވަނީ އޭނާގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެކަމާ ގުޅޭ ގޮތުން ރިތިކް ބުނީ އެހާ ކައިރި ކައިރީ އެހާ ބޮޑު ބަދަލަކާއެކު ދެ ފިލްމުގެ މަސައްކަތް ކުރުން ފަސޭހައެއް ނޫން ކަމަށެވެ.

"ދެ ފިލްމުގެ ޑައިރެކްޓަރުންނަކީވެސް ވަރަށް ތަފާތު ދެމީހުން. ނަމަވެސް ދެ ރޯލު ކުޅުނު އިރުވެސް ވަރަށް އެންޖޯއީ ކުރިން. އަދި މި ރޯލުވެސް އާންމުނަށް އެހާ ބޮޑަށް ކަމުދިޔައީމަ ވަރަށް އުފާވޭ،" ރިތިކް ބުންޏެވެ.

ރިތިކްއަށް މިއަހަރު ވަނީ "ގޭމްޗޭންޖާ އޮފް ދަ އިޔާ" އެވޯޑުވެސް ލިބިފައެވެ.