މި ސަރުކާރުން ރައްޔިތުންނަށް އަނިޔާ ނުކުރާނެ ކަމަށާއި ނަމަވެސް ގާނޫނު ތަންފިޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މި ސަރުކާރުން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ. ނަމަވެސް ގާނޫނޫ ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ" ކަމަށެވެ.
މިނިސްޓަރު އިމާރާން މިހެން ވިދާޅުވެފައިވާ އިރު، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި، މިއަދު މާލޭގައި ވަނީ އިހުތިޖާޖުކޮށްފައެވެ.
މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައި އޮތް މި އިހުތިޖާޖުގައި ފުލުހުން ވަނީ އެއްވުމުގެ ބައިވެރިން އެ ސަރަހައްދުން ނިކުތަ ނުދީ، ވެހިކަލް ދުއްވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ސޯޝަލް ސެންޓަރާ ހަމައަށް ފަަހަތަށް ޖައްސައިފައެވެ.
"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި ގުރުއާނާއި ސުންނަތާއި ހިލާފު ކަންކަން ހުރިކަމަށް ބުނެ، އެ ޖަމިއްޔާއާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖު މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ބާއްވާނެ ކަމަށް އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.
މި ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރު ބަލަން ފަށާފައިވާ އިރު، އެފަރާތުން ބުނީ ރިޕޯޓާ މެދު ފިޔަވަޅު އަޅާނީ އެ ރިޕޯޓު ތަހުގީގު ކުރުމަށް ކުރަމުންދާ އިލްމީ ދިރާސާ ނިމުމުން ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.