ވިލި މުއައްސަސާ ކަޕް

ވިލި މުއައްސަސާ ކަޕްގައި މިއަހަރު އަށް ޓީމު

ކްލަބު އެމްޓީސީސީން އިންތިޒާމުކޮށްގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެއްޖެއެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބު އެމްޓީސީސީ އާއި 2017 ވަނަ އަހަރުގެ ޗެމްޕިއަން މޯލްޑިވްސް ގޭސް ހިމެނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

ވިލި މުއައްސަސާ ކަޕް 2019ގައި ބައިވެރިވި ޓީމުތައް:

  • މޯލްޑިވް ގޭސް (2017ގެ ޗެމްޕިއަން)
  • ވިލިމާލެ ޕޮލިސް
  • ވިލިޖޯލި
  • އެމްޑަބްލިޔުއެސްސީ
  • ކްލަބު ވެމްކޯ
  • ސްޓެލްކޯ
  • މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީ - ކޯސްޓްގާޑު
  • ކްލަބު އެމްޓީސީސީ (އެންމެ ފަހުގެ ރަނަރަޕް)

އަންނަ މަހުގެ ހަތްވަނަ ދުވަހު ފަށާ ވިލި މުއައްސަސާ ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. ވިލިމާލެ ފުޓްސަލް ގްރައުންޑްގައި ބާއްވާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ އަންނަ މަހުގެ 17 ގައެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ.