އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި، މާލޭގައި އިހުތިޖާޖްކޮށްފިއެވެ.
މިއަދު ހަވީރު ރަސްފަންނުގައި ފެށި އެ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެމްޑީއެން އުވާލައި، އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކުރުމަށް ގޮވާލައިފައެވެ.
ރަސްފަންނުން އެ އިހުތިޖާޖު ފެށި ނަމަވެސް، ފުލުހުން ވަނީ ވެހިކަލް ދުއްވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އެއްވުމުގެ ބައިވެރިން ސޯޝަލް ސެންޓަރާ ހަމައަށް ފަހަތަށް ޖައްސައިފައެވެ. ފުލުހުން ވަނީ ބެރިކޭޑްގެ ފަހަތުގައި ތިބެ، އިހުތިޖާޖް ކުރުމުގެ ފުރުސަތު ދީފައެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އެމްޑީއެންގެ މެމްބަރެއް ކަމަށް ބުނެ، އެ މަގާމުގައި ސީޕީ ހަމީދު ހުންނަވައިގެން އެމްއެންޑީއެން މައްސަލައިގެ ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށް ގޮވާލައިފައެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްއެންޑީއެންއަށް ނިސްބަތްވާ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައިވެއެވެ.
އެމްޑީއެންއާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖު މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ބާއްވާނެ ކަމަށް އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.