ސަލްމާން ޚާން އަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ "އެލިޖިބަލް ބެޗެލާ" އެވެ. އުމުރުން 53 އަހަރު ވެފައިވާއިރު ސަލްމާން އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.
ސަލްމާން ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން އަދިވެސް ވަގުތު ގުނަމުންދާ އިރު، ފިލްމު ޑަބަންގް ތިނެއްގެ ޓްރެއިލާ ރިލީސްކުރި ހަފްލާގައި އޭނާ ވަނީ ކައިވެންޏާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
އެގޮތުން ނޯތު އިންޑިއާގެ ގިނަ އާއިލާތަކުން އެމީހުންގެ އަންހެން ދަރިން "ޗުލްބުލް ޕާންޑޭ"އާ ކައިވެނި ކުރުވަން ބޭނުންވާކަން ވަނީ ސަލްމާނަށް ހުށަހަޅައިފައެވެ. މީގެ ކުރިން ކައިވެންޏާ ގުޅުން ހުރި ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ސަލްމާން އެއަށް ދިނީ ވަރަށް މަޖާ ރައްދެކެވެ. ޗުލްބުލް ޕާންޑޭ އުޅެނީ ކައިވެނި ކޮށްގެން ކަމަށާއި އޭނާ އިނދެގެން އުޅެނީ ރައްޖޯއާ ވަރަށް ލޯބިން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސަލްމާން ކައިވެނި ކުރަން ހުރީ ތައްޔާރަށް ކަމަށް ސަލްމާން ބުންޏެވެ. ޗުލްބުލް ޕާންޑޭއަކީ ފިލްމު ޑަބަންގްގައި ސަލްމާން ކުޅޭ ރޯލަށް ކިޔާނަމެވެ. ފިލްމުގެ ބަތަލާއަކީ ސޮނާކްޝީ ސިންހާއެވެ.
ކޮންމެއަކަސް މަޖަލަކަށް ވިއަސް ސަލްމާން ބުނި މިވާހަކަ ވީ އެންމެން ހެއްވާލި ވާހަކައަކަށެވެ. އަދި މިހާރު އޭނާ ކައިވެންޏަށް ތައްޔާރުކަން އަމިއްލައަށް ބުނުމުން ފޭނުންތައް ދަނީ އެކަމާ ގުޅިގެން މީސްމީޑިއާގައި އުފާފާޅުކުރަމުންނެވެ.
އަރްބާޒް ޚާން ޕްރޮޑިއުސްކޮށް ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ޑަބަންގް ތިނެއްގައި ސަލްމާން ސޮނާކްޝީގެ އިތުރުން އަލަށް ބޮލީވުޑަށް ނުކުންނަ ތަރިއެއް ކަމަށްވާ ސައީ މަންޖްރެކާރުވެސް މުހިންމު ރޯލުން ފެނިގެންދާނެއެވެ.
ޑަބަންގް އަށްފަހު ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓަށް ބައި" ގެ މަސައްކަތް ސަލްމާން ފަށާނެއެވެ. އެ ފިލްމުގެ ލީޑް ބަތަލާއަކީ ދިޝާ ޕަޓަނީއެވެ.