ބޮލީވުޑްގެ ތަރިންތަކަކާ ބައްދަލު ވުމަށް އެދި މިސްރުގެ ވިޔަފާރިވެރިޔަކާ އެކު ހެދި އެގްރީމަންޓަކާ ހިލާފުވުމުން ބަހްރެއިން ގެ ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިޚް ހަމަދް އީސާ އަލީ އަލް ޚަލީފާ އަށް ދައުވާ ކޮށްފިއެވެ.
ބަހްރެއިންގެ ރަސްގެފާނާ ދެބޭންގެ ދެދަރި ޝެއިޚް ޚަލީފާ ވަނީ ވިޔަފާރިވެރިޔާ އަހްމަދު އަދެލް އަބްދުﷲ އަހުމަދާ އެކު ބޮލީވުޑްގެ 26 ތަރިންނާ ބައްދަލު ކުރުމަށް އެގްރީމެންޓެއް ހަދާފައެވެ. މި އެގްރީމެންޓްގެ ދަށުން ޝެއިޚް ޚަލީފާ ކޮންމެ ބައްދަލު ވުމަކަށް 1.5 މިލއަން ޑޮލަރު ހުށަހަޅާފައިވާއިރު ތިން ވަނަ ބައްދަލަވުމެއް ހަމަ ޖެހިއްޖެ ނަމަ އިތުރު ފަސް ލައްކަ ޑޮލަރު ބޯނަހެއްގެ ގޮތުގައި ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވިޔަފާރި ވެރިޔާ އަހުމަދު ބުނިގޮތުގައި އެދެމީހުންގެ ދޭތެރޭ ހެދުނީ 26 ތަރިންނާ ބައްދަލު ކުރުމުގެ އެގްރީމެންޓެއް ކަމަށެވެ. އަދި ޝެއިޚް ޚަލީފާ ވަނީ ޝާހުރުކް ޚާން އަދި ސަލްމާން ޚާން އާ މުމްބާއީ ގައި 2016 ވަނަ އަަހަރު ބައްދަލު ކޮށްފައެވެ. މީގެ އިތުރުން އަދިތްޔަ ރޯއީ ކަޕޫރު އާއި ރަންވީރު ސިންގް އާ ވަނީ ދުބާއީގައި މާރޗް 2016 ގައި ބައްދަލު ކޮށްފައެވެ.
ނަމަވެސް ޝެއިޚް ޚަލީފާ ވަނީ އެއަށްފަހު އެގްރީމެންޓާ ހިލާފުވެ، އެއަށް އަމަލު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި އެހެން އެޖެންޓެއް ލައްްވައި ބާކީ ތިބި 13 ތަރިންނާ ބައްދަލު ކުރުމަށް އެދުނު ކަމަށް އަހުމަދު ލަންޑަންގެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވެއެވެ.
ދައުވާގައި އިތުރަށް ބުނެފައިވާ ގޮތުގައި ޝެއިޚް ޚަލީފާ އަހުމަދަށް 33 މިލިއަން ޑޮލަރު ދޭން ޖެހޭއިރު އަދި ދައްކާފައި ވަނީ ތިން މިލިއަން ޑޮލަރެވެ.
ދިފާއުގައި ޝެއިޚް ޚަލީފާ ކޯޓުގައި ބުނީ އޭނާ އަކީ ބޮލީވުޑްގެ ފިލްމްތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއްކަމަށާއި، އަހުމަދު ވަނީ ބޮލީވުޑް ތަރިންނާ ގުޅުން އޮންނަ ކަމަށްބުނެ ޕްރިވެޓް ބައްދަލުވުންތައް ބާއްވައިދޭނެެ ކަމަށް ބުނެފައެވެ. ޝެއިޚް ޚަލީފާ އިތުރަށް ބުނި ގޮތުގައި އަހުމަދު ވަނީ ކޮންމެ ބޮލީވުޑް ތަރިއެއްވެސް ބައްދަލު ކުރުމުގެ ފީގެ ގޮތުގައި 30،000 ޑޮލަރާއި 50،000 ޑޮލަރާ ދެމެދުގެ އަގެއް ނަގާކަމަށް ބުނެފައެވެ.
މި ދައުވާ ގެ އަޑުއެހުންތައް ކުރިއަށް އޮތް ފަސް ދުވަހު ލަންޑަންގެ ކޯޓުގައި ކުރިއަށް ދާއިރު އަދި އެއްވެސް ބޮލީވުޑްގެ ތަރިއެެއް ކޯޓަށް ހާޒިރުވެ ހެކިބަސް ދޭންޖެހޭ ގޮތަކަށް ހަމަޖެހިފައި ނުވެއެވެ.