ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރުގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފް ކުންފުނީގެ އިސްވެރިންގެ ފަރާތުން ވެސް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް މިއަދު ވަނީ ހާމަކޮށްފައެވެ.
އެ މައުލޫމާތުތައް ހާމަކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އަދީބުގެ ފޯނާއި އެބޭފުޅާގެ ލެޕްޓޮޕް، އީމެއިލް އަދި އެނޫން އެހެނިހެން ލިޔެކިޔުންތަކާއެކު އެ މައްސަލައާ ގުޅުން ހުރި ވަރަށް މުހިންމު މައުލޫމާތުތަކެއް ހެއްކާއި ގަރީނާގެ ގޮތުގައި ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
"މި ދެންނެވި މައުލޫމާތުތަކުގެ އަލީގައާއި ހާއްސަކޮށް އެސްއޯއެފްގެ ހިއްސާދާރުންނާއި މެނޭޖްމަންޓާއި އަދި އެކުންފުނީގައި މަސައްކަތްކުރި މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު އެމީހުންގެ ފޯނުތަކުގައި ހުރި މައުލޫމާތާއި މި ފައިސާ ބެހުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފަރާތްތަކުން އަޅުގަނޑުމެންނަށް ދެއްވާފައި ހުރި މިބޭފުޅުންގެ ފޯނުތަކާއި ހުރިހާ ޑިޖިޓަލް އެވިޑެންސްތަކެއް އެއްކޮށްފައި، ފައިސާ ބެހިގެންދިޔަ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް އަޅުގަނޑުމެން ތަހުގީގަށް ހޯދިފައިވަނީ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެސްއޯއެފްގެ ހިއްސާދާރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރި މީހުންނާއި އަދި އެމްއެމްޕީއާރުސީގެ ފައިސާ އެއް ބަޔަކު އަނެއް ބަޔަކަށް ބެހުމުގެ ތެރޭގައި އުޅުނު މީހުންނާ ވާހަކަދައްކައި މުއާމަލާތްކުރުމުގެ ފުރުސަތު ލިބުމުން މިހާރު ތަހުގީގަށް ފަސޭހަތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
"އެސްއޯއެފްގެ ހިއްސާދާރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރި މީހުންނާއި އަދި މި ފައިސާ އެއް ބަޔަކު އަނެއް ބަޔަކަށް ބެހުމުގެ ތެރޭގައި އުޅުނު މީހުންނާ ވާހަކަދައްކައި މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދިޔަ. އެމީހުން އޭރުގައި ބޭނުންކުރި ފޯނުތަކާއި އީމެއިލް އާއި އެމީހުންގެ އަތުގައި ހުރި ބައެއް ޑޮކިއުމަންޓްސްތަކާއި އެމީހުންގެ ލެޕްޓޮޕްތަކާއި، މިކަހަލަ ބައެއް އެވިޑެންޝަލް މެޓީރިއަލް އަޅުގަނޑުމެންނަށް އިތުރަށް ލިބިގެންދިޔައީމަ މި މައްސަލައިގައި ހަގީގަތުގައި ކަން ހިނގާފައި އޮތް ގޮތުގެ ރަނގަޅު ޕިކްޗަރއެއް ދެނެގަންނަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދިޔަ،" އޭނާ ވިދާޅުވިއެވެ.
އެސްއޯއެފްގެ ފަރާތްތަކާ މުއާމަލާތުކުރުމާއެކު ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް ތުހުމަތުކުރެވިގެން ހިންގާ ބޮޑެތި ތަހުގީގުތަކުގައި ބޭނުންކުރާ ބައެއް ތަހުގީގީ އުކުޅުތައް ބޭނުންކުރުމަށް ފުރުސަތު ފަހިވެގެންދިޔަ ކަމަށެވެ.