ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެއްވެސް ތަނެއް ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯއްދަވަން ޖެހޭ ގޮތަށް އެއްވެސް އިރެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އަންގަވާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ވަޑައިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް ނާޒިމް ވިދާޅުވެފައިވަނީ އޭނާ ފްރޭމްކުރުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ކަމަށާއި ޑިފެންސް މިނިސްޓަރަކަށް ހުރި މީހެއްގެ ގެއަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ނޫނީ ނުވަދެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުށެއްގެ ތުހުމަތަށް ފުލުހުން ތަނެއް ބަލާ ފާސްކުރުމުގައި، އެއީ ސަރުކާރުގެ ވަޒީރެއް ދިރިއުޅުއްވާ ތަނެއް ނަމަވެސް، ފުލުހުން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯއްދަވަން ޖެހޭ ގޮތަށް އެއްވެސް އިރެއްގައި ރައީސްގެ ފަރާތްޕުޅުން އަންގަވާފައި ނުވާނެ ކަމަށެވެ.
"އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެފަދައިން އަމަލު ކުރައްވާފައެއް ނުވާނެ. ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންގެ މަސައްކަތަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ، މިނިވަން ކަމާއެކު ކުރެވެންޖެހޭ މަސައްކަތެއް. އެހެންކަމުން ވަކި ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ފުލުހުން ވަނުމާއި ނުވަނުން އޮންނަނީ ރައީސްގެ އައްޕުޅުމަތީގައެއް ނޫން،" މުއާޒްގެ ޓުވީޓުގައި ވިދާޅުވިއެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.
އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައިވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.