އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު އިއުލާންކޮށްފިއެވެ.
އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.
ޖުމްލަ 2،33،877 މީހުން މިއަހަރުގެ އިންތިހާބުގައި ވޯޓުލާފައިވާ އިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 26،2،135 މީހުނަށެވެ. ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 2،30،748 ވޯޓެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާގެ ޖުމްލަ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އެންޑޯޒްކޮށްފައިވާކަމަށެވެ.
އިލެކްޝަންސްއިން ނަތީޖާފާޅުކުރުމުގެ ކުރިން، އެކިއެކި މީޑިއަތަކުން ވަނީ އިންތިހާބުގެ ނަތީޖާ ހާމަކޮށްފައެވެ. އެހެން ކަމުން ރޭ އިބޫގެ އިދިކޮޅު އިއްތިހާދުން އުފާފާޅުކޮށްފައިވެއެވެ. މިހާރުގެ ސަރުކާރު އިންތިހާބުގައި ބަލިވެފައިވާ އިރު، އިންތިހާބާ ގުޅޭގޮތުން އެ ފަރާތުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.