ވިޔަފާރި

"ސްކެޗާރސް"ގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފި

އާނިފާ ހުސެއިން ސިރާޖް

އެމެރިކާގެ މަޝްހޫރު ލައިފްސްޓައިލް އަދި ފޫޓްވެއަރ ކޮމްޕެނީއެއް ކަމުގައިވާ "ސްކެޗާރސް" ގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފި އެވެ.

މި އައުޓްލެޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އިތުރުން މޮޅު ދެ ދުވުންތެރިން ކަމުގައިވާ، ހަސަން ސާއިދް އާއި މަރިޔަމް އަބްދުލް ކަރީމް(މަރީ) އެވެ.

މާލޭ މަޖީދީ މަގު ސިޓީ ކައުންސިލް ކައިރީ ހުޅުވި މި އައުޓްލެޓުން އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންނަށްވެސް ކުޅިވަރަށް ބޭނުންކުރެވޭނެ ފަދަ ބޫޓު ލިބެން ހުންނާނެއެވެ. އޭގެ އިތުރުން އާންމުކޮށް އަރާ ބޫޓާއި ފައިވާންވެސް ލިބޭނެއެވެ.

ރާއްޖޭގެ މި އައުޓްލެޓް އާއި ހަވާލުވެ ހުންނެވާ އަބްދުއްﷲ މުހައްމަދު ވިދާޅުވީ، ރާއްޖޭގައި ސްކެޗާރސްގެ އައުޓްލެޓެއް ހުޅުވަން އެ ކުންފުނިން ގަސްދުކުރީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ބްރޭންޑުގެ ބޫޓަށް އޮތް ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

މިހާރު ޔޫއެސް ގެ ތިނަވަނައަށް އެންމެ ބޮޑު އެއް ފޫޓްވެއަރ ކޮމްޕެނީ ކަމުގައިވާ ސްކެޗާރސް އުފެދިގެން އައީ 1992 ވަނަ އަހަރުއެވެ. އެކި ވައްތަރުގެ ބޫޓް ވިއްކާ މި ކުންފުނީގެ އައުޓްލެޓްތައް 170 އަށް ވުރެ ގިނަ ގައުމުތަކުގައި ހުންނައިރު މެއިން ބުރާންޗް ހުންނަނީ ޔޫއެސް ގެ ކެލެފޯނިއާ ގައެވެ.