އެންމެ ފުރަތަމަ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން އޭނާގެ ނަން ޕީޖީ ވިދާޅުވުމާ ގުޅިގެން އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.
މަލީހުގެ ޓުވީޓުގައި ވިދާޅުވީ "މަޖިލީހުގެ ކޮމެޓީގެ އިތުބާރު ގެއްލި އަދި ވަކިކުރަން ނިންމާފައި، ފާއިތުވި ފަސް ވަރަކަށް އަހަރު އެތައް ބޭއިންސާފު ދައުވާއެއް އެތައް ރައްޔިތުންނަށް ކޮށް މުޅި އެ މުއައްސަސާ ޚަރާބުކޮށްފައި އިން ޕީޖީ އަކު ދައްކާ ވާހަކަ ގަބޫލު ކުރާކަށް ނުޖެހޭ" ކަމަށެވެ.
މަލީހު އިތުރަށް ވިދާޅުވީ ޕީޖީ އޮފީހުގެ ހަތަރު ފާރު ހިމެނޭ އެއްވެސް ލިޔުމެއްގައި އަދި ޕީޖީ އޮފީހުގެ އެއްވެސް ޑާޓާ ބޭސް އެއްގައި މިއަދާ ހަމައަށް އެންމެ ކުޑަމިނުން އެބޭފުޅާގެ ނަންވެސް ލިޔެވިފައި ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
އެންމެ ފުރަތަމަ ބަލަން ޖެހޭނީ ކަނޑައެޅިގެން ބޮޑެތި ބުހުތާނު ދޮގު ހަދައި، މީހުންގެ އަބުރު ކަތިލި ޕީޖީގެ މައްސަލަ ކަމަށާއި ކޮމެޓީން ނިންމި ގޮތަށް ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވަނީ ޕީޖީ އޮފީސް ތާހިރުކުރުމަށްވެސް ގޮވާލައްވާފައެވެ.
އެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިނިސްޓަރު މަލީހުގެ ނަން ޕީޖީ ގެންނެވުމުން ޕީޖީ ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވެސް މަލީހު ކުރީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، އެމްއެމްޕީއާރްސީން ހިންގި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ތުހަމަތު ކޮށް، ތަހުގީގު ހިންގަމުން އަންނަ ބައެއް ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެބަތިއްބެވި ވެސް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވުމުން އެ ކޮމިޓީގެ މިދިޔަ ހޯމަ ދުވަހުގެ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.
އަދި އެ ސިއްރު ބައްދަލުވުމުގައި، އެ މެންބަރުންގެ ނަތްތައް ޕީޖީ ވިދާޅުވުމުން ދެން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އެ މެންބަރުން ކޮމިޓީ ބަދަލުވުން ދޫކުރައްވައި ވަޑައިގަތުމުންނެވެ.
އެއަށްފަހު މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރު މީޓިންގައި، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުވައިގެން އޭނާގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއެއްް ދެއްވާފައިވާ ކަމަށާއި، އެ މައްސަލައިގައި ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.