ވިލި މުއައްސަސާ ކަޕް

ވިލި މުއައްސަސާ ކަޕްގެ ފޮޓޯގްރަފީ ޕާޓްނަރަކަށް މިއަހަރުވެސް އިމޭޖަސް އެމްވީ

ކްލަބު އެމްޓީސީސީން އިންތިޒާމުކޮށްގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖައްސައިފިއެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖެއްސުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ.

މިއަހަރުގެ މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖަސް އެމްވީ ހަމަޖެއްސުމަށް ޕާޓްނަޝިޕް އެއްބަސްވުމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު އަމާން މުހައްމަދެވެ. އަދި އިމޭޖަސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ސިމާހެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއްސަސާ ކަޕްގެ ޕާޓްނަރުންގެ ގޮތުގައި މީގެ ކުރިން ވަނީ ތިން ފަރާތެއް ހަމަޖައްސައިފައެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކަށް ގާޑަން ބްރީޒް ހަމަޖައްސާފައިވާ އިރު، އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އަދި އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ.

ފާއިތުވެދިޔަ ދެ އަހަރު ވެސް އެ މުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގުސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.