ބޮލީވުޑް

އެއްއަހަރަށްފަހު ޝާހުގެ ފިލްމެއް، މިފަހަރު ތަމަޅަ ޑައިރެކްޓަރަކާއެކު

ފިލްމު ޒީރޯއަށް އެއް އަހަރުއް ވާން ކައިރިވެފައިވާ އިރު، ބޮލީވުޑްގެ ބާދްޝާ ޝާހުރުކް ޚާން އިތުރު ފިލްމެއްގެ މަސައްކަތް ފަށާފައެއް ނުވެއެވެ. ޝާހު ބުނިގޮތުގައި މިދުވަސްވަރު ބޭނުންވަނީ އާއިލާއާއެކު ވާގުތު ހޭދަކުރުމަށެވެ.

ޝާހުގެ ފިލްމެއްގެ އިންތިޒާރުގައި އޭނާގެ ފޭނުން ވަގުތު ގުނަމުން އަންނަ އިރު އެކި ފިލްމުތަކާ ޝާހުއާ ގުޅުވައި އަޑު ފެތުރޭލެއްވެސް މަދެއް ނޫނެވެ. ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހު ދެން ފިލްމެއް އިއުލާން ކުރާނީ އޭނާގެ އުފަންދުވަހުއެވެ. އެއީ އަންނަމަހު ދޭއްގައެވެ. އެ ފިލްމަކީ ތަމަޅަ ފިލްމު އުފައްދާ، އަތުލީ ގެ ފިލްމެއް ކަމަށްވެސް ވެއެވެ.

ނަމަވެސް އެކަން ޔަގީން ނުވެ އޮއްވައި، އިއްޔެ ކުރިއަށް ދިޔަ އަތުލީގެ ފިލްމު "ބިގިލް" ގެ ޕްރޮމޯޝަން ހަފުލާގައި އެ ފިލްމުގެ ދެވަނަ ޑައިރެކްޓަރު، ހަރިޝް ޝަންކަރު ވަނީ ޝާހު އާއި އަތުލީ އެކީގައި ފިލްމެއްގެ މަސައްކަތް ކުރަން ފަށާ ވާހަކަ އިއުލާންކޮށްފައެވެ.

ހަރިޝް ބުނީ ޝާހު އާއި އަތުލީގެ ފިލްމު ވީހާވެސް އަވަހަކަށް ފަށާތޯ އޭނާ އަންނަނީ އިންތިޒާރުކުރަމުން ކަމަށެވެ. އޭނާ އަކީ ޝާހުގެ ބޮޑު ފޭނެއްކަމަށް ބުނަމުން ހަރިޝް ބުނީ ފިލްމުގެ މަސައްކަތް އަވަހަށް ފެށުމުން އޭނާއަށްވެސް ޝާހުއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ހަރިޝް ދެއްކި ހުރިހާ ވާހަކައެއް އެންމެ ގާތުން އަޑުއަހަން ހުރި އަތުލީ ހުރީ ހެވިފައެވެ. އެހެން ކަމުން އަތުލީ އާއި ޝާހުގެ ފިލްމަކީ ޔަގީން ފިލްމެއްކަން މިފަހަރު މިއޮތީ އެނގިފައެވެ.