ރާއްޖޭގައި ބިދޭސީން ލައްވައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރުވައިފި ނަމަ ޖިނާއީ ދައުވާކޮށް ބޮޑެތި ޖޫރިމަނާ ކުރެވޭ ގޮތަށް އިމިގްރޭޝަނުގެ ގާނޫނަށް ހުޅުހެންވޭރު ދާއިރާ މެންބަރު މޫސާ މަނިކު އިސްލާހު ހުށަހަޅުއްވައިފި އެވެ.
މޫސަ މިއަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީން ތެރެއިން، ގަވައިދާ ޚިލާފަށް އުޅޭ މީހުން ލައްވައި، ނުވަތަ ވަޒީފާ ދިން ފަރާތުގެ އިޒުނަ ނެތި ބިދޭސީން ލައްވައި މަސައްކަތް ކުރުވައިފި ނަމަ، އެ މަސައްކަތް ކުރުވި ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ އެވެ.
އެގޮތުން ބިދޭސީން ލައްވައި އެފަދަ ކުށެއް ކުރުވައިފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ކަނޑައެޅުމަށް މޫސަގެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
މި އިސްލާހާ ގުޅޭ ގޮތުން "ވަން އޮންލައިން" އަށް ދެއްވި އިންތަވިއުއެއްގައި މޫސަ ދާދި ދެންމެ ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ މިހާރު ރާއްޖޭގައި އިންތިހާއަށް ބޮޑުވެއްޖެ ކަމެއް ކަމަށާއި އެކަން އެހެން ވުމުގައި އެމީހުން ލައްވައި ކުށް ކުރުވާ މީހުންގެ އިހުމާލުވެސް ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.
މޫސަ ވިދާޅުވީ ބައެއް ކުންފުނިތަކުން ކޯޓާ ހައްދައިގެން އަމިއްލަ ކޯޓާގައި ބޮޑެތި އަދަދުތަކުން ޑިޕޮސިޓް ބަހައްޓައިގެން ބިދޭސީން ގެނެސްގެން މަސައްކަތް ކުރުވަމުން ދިޔަ ނަމަވެސް، އެހެން ބައެއް ކުންފުނިތަކުން ބޭނުން ވަނީ ފަސޭހަ ގޮތުގައި އެކަން ކޮށްލަން ކަމަށެވެ.
"އެފަދަ މީހުން ނޫނީ ކުންފުނިތަކުން މި ހަދާގޮތަކީ ރާއްޖޭގެ ކޮންމެވެސް ތަނެއްގައި އުޅޭ ބިދޭސީންނަށް މުސާރަ ކުޑަތަންކޮޅެއް ބޮޑުކޮށްލައިގެން ނަމަވެސް ފިލުވައިގެން އެމީހުންގެ މަސައްކަތަށް ގެންދަނީ. އަނެއް ބަޔަކު މި ހަދާ ގޮތަކީ މާލެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނަަގައިގެން ގުރޫޕުތައް ހަދައިގެން ވެސް މަސައްކަތް ކުރުވަނީ. މީގެން ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި ކަންކަން ވެސް ދިމާވެފަ އެބަ ހުރި." މޫސަ ވިދާޅުވި އެވެ
މޫސަ އިތުރަށް ވިދާޅުވީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީ ގުރޫޕުތަކުން ނުއަގުގައި މަސައްކަތް ކޮށްދޭ ކަމަށާއި ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގާ ދިވެހި އަދި ބޭރުގެ ކުންފުނިތަކުން ވެސް ގަވައިދު ތަކަށް ބެލުމެއް ނެތި އެފަދަ މީހުން ބޭނުންކުރަމުންދާ ކަމަށެވެ.
"އެހެން ހެދީމަ އަޅުގަނޑުމެން ދިވެހީންނަށް މަސައްކަތުގެ އިންޑަސްޓްރީން ލިބެން ޖެހޭ ހަގީގީ މަންފާއެއް ނުލިބޭ. އަނެއްކޮޅުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވެސް ހިތްވަރު އެދެވެނީ." މޫސަ ވިދާޅުވި އެވެ.