އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ތހުމަތު ކުރެވޭ މީހުން ސަރުކާރުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ބައެއް މެންބަރުންނާއި އެނޫންވެސް ބައިވަރު އެތައް ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.
އެހެންކަމުން އެކަމުގައި ތުހުމަތު ކުރެވޭ ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް އޭނާ ގޮވާލެއްވިއެވެ.
ހަސަން ލަތީފު ވިދާޅުވީ، ރައްޔިތުންނަށް އެންމެ އިހުލާސްތެރި ގޮތަކީވެސް އެކި އެކި މުއައްސަސާތަކުގައި ތިއްބެވި އެފަދަ ބޭފުޅުން އިސްތިއުފާ ދެއްވުން ކަމަށެވެ. އަދި އެފަދަ ތުހުމަތުގައި ތިއްބެވި ބޭފުޅުން މަގާމު ތަކުގައި ތިއްްބެވުމަކީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާނާތުގެ ތހުމަތު އެޅިފައިވާ ދައުލަތުގެ ވަޒީރުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ގޮވައި ލެއްވިއެވެ.
އޭނާ ވިދާޅުވީ، ވަކި މަގާމެއްގައި ހުރި، ވަކި މީހަކަށް ވުމުން ކުށަށް އަދަބު ނުދެވި އޮވެގެން ނުވާނެ ކަމަށެވެ. އެކަމުގައި ވަޒީރެއް، ފަނޑިޔާރެއް އަދި މަޖިލިސް މެންބަރެއް އިސްތިސްނާ ނުވާނެ ކަމަށާއި، ކުށެއް ކޮށްފިނަމަ ހައްގު އަދަބު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ، މަޖިލީހުގެ މެންބަރުނާއި ވަޒީރުންގެ ނަންތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހިއްސާ ކުރައްވައިފައެވެ.
އޭގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލަށް ތުހުމަތު ކުރައްވާފައިވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.