ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ކަނޑަައެޅުމަށް ގޮވާލައި ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

މަސައްކަތްތެރިންނަށް އެއްމެ ކުޑަމިނުން ދެވޭނެ އުޖޫރަ ގާނޫނަކުން ކަނޑައެޅުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ހަލުވިކަމާއެކު ނިންމަވައި ދެއްވުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރަށް ބަހުސްކޮށް ނިންމުމުން، ވޯޓަށް އަހައި ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 62 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި މި ގަރާރު ފާސްވުމުން އެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މެންބަރު ވިދާޅުވީ، އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދު، ގާނޫނުން ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ ވައުދުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

އެޖެންޑާ 19 ގައި މަސައްކަތްތެރިންނަށް ވެފައިވާ އެންމެ މުހިއްމު އެއް ވައުދަކީ ވެސް އެ މަސައްކަތްތެރީންނަށް ވަޒީފާ އަދާ ކުރުމުގައި އެންމެ ދަށްވެގެން ލިބޭނެ އުޖޫރައިގެ މިންވަރު ކަށަވަރުވެފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނުން އެ މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތްވެފައި އޮތުން ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ، އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ހުނަރުވެރި ކުރުވައި ރާއްޖޭގެ މަސައްކަތުގެ ބާޒަރުގައި ދިވެހިން ޝާމިލްވެ އުޅުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރު ކުރުން، ކަމަށާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ދިވެހިން ތިބިނަމަ އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭގޮތަށް ގާނޫނުން ލާޒިމް ކުރުން ކަމަށެވެ.

މެންބަރު އިތުރަށް ވިދާޅުވީ، މަޖިލީހަށް ގަރާރު ފޮނުވައިގެން މިހާތަނަށް ކުރެއްވި މަސައްކަތުން، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިިން އެންމެ އިންތިޒާމުވެގެން އެއްމެ އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ އިގުތިސާދަށް އަަންނާނެ ބަދަލުތަކާއި ލޮޅުންތަކާ ބެހޭ ސާވޭ އަންނަނީ ކުރަމުން ކަމަށާއި، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެކަމާބެހޭ ބިލެއް ތައްޔާރުކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް، އެނގިވަޑައިގެންފައިވާ ކަމަށްވެސް މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވިއެވެ.