އިބްރާހިމް ޒަކީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަކީ ސަރުކާރު ބަދުނާމްކުރަން ހުށަހެޅި މައްސަލައެއް ކަމަށް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ސަރުކާރު ބަދުނާމުކޮށް އެފަދަ މައްސަލައެއް ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިނގަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުން އަންނަ ކަމަށާއި، މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ކުރިއަށްދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ކުއްލި މައްސަލައެއް ހުށަހަޅަން ޖެހޭ މުހިއްމު ސަބަބެއް ނެތް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި މަރުތަކުގެ މައްސަލައިގެ މަސައްކަތް، ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަން އިހުލާސްތެރިކަމާއެކު ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މި ކުއްލި މައްސަލަ ހުށަހެޅުމުގައި ސަރުކާރު ސްލޯކަމަށް ދައްކައި ޕްރެޝަރުކޮށް ސަރުކާރު ބަދުނާމު ކުރުން ނޫން އެހެން ކަމެއްް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިފަދަ މައްސަލަަތައް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ބަަލުގައި މުހިއްމު މަސައްކަތްތައް މަޖިލީހުގައި އެބަހުރި ކަމަށެވެ. އެެހެންކަމުން އެ ބިލުތަކުގެ މަސައްކަތުގައި މަޖިލީހުގެ ވަގުތު ބޭނުންކުރުން މާ މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.