ރައްޔިތުންގެ މަޖިލިސް

ޕީޖީ ބިޝާމް ބޭރުކުރާކަށް މަޖިލިސް ރައީސަކަށް ނުކެރޭނެ: ނަޝީދު

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި މިއަދު ހުށަހަޅައިގެން ކުރިއަށްގެންދާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕީޖީ ކަމުގެ މަގާމުން ބިޝާމް ވަކި ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަޑީގައި ހުންނަވައިގެން އެކަން ވިޔަ ނުދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޖީ ބިޝާމް ބޭރު ކުރަން ކީއްވެގެންތޯ މަޖިލިހުގެ ރައީސަށް ނުކެރިގެން މިއުޅެނީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޕީޖީ ބޭރުކުރަން ވެގެން ހުށަހެޅުއްވި، ހުށަހެޅުއްވީމަ މަޖިލީހުގެ ރައީސް އަޑީގައި ހުނަވައިގެން އެބަހައްޓަނީ،" ނަޝީދު ވިދާޅުވިއެވެ.

މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އޭރު ހުންނެވި އަހުމަދު އަދީބުގެ ބާރު އޮތް އިރު، ޕީޖީ ބިޝާމް އޭރު ހުންނެވީ އަދީބުގެ ފަހަތުގައި ކަމަށެވެ. އަދި އަދީބު ގެ ބާރު ދިއުމުން ދެން ހުންނެވީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޖަލުން މިނިވަން ވުމުގައި އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުވީ ކިހާވަރަކަށްތޯ ބަލައިލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އެންމެ ބޮޑު ފައިދާއެއް ވީ އޭރު އިދިކޮޅުގައި ތިއްބެވި، މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ރާއްޖޭން ބިން ވިއްކުމަށާއި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު މަތިކުރަން ގާނޫނަށް ގެނައި އިސްލާހަށް ވޯޓު ދިނުމުގައި ހުށަހެޅީ ކިތައް މިލިޔަން ރުފިޔާތޯވެސް ބަލައިލާންޖެހޭ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ބިން ވިއްކަންވެގެން އެ އިސްލާހު ގާނޫނުއަސާސީއަށް ހުށަހެޅީމަ ރުފިޔާ ނެގީ ކިހާ ވަރަކުންތޯ، ކިތައް މިލިޔަނުންތޯ، ރައީސުލް ޖުމްހޫރއިްޔާގެ އުމުރު މަތިކުރަން ފައިސާނެގީ ކިހާ ވަރަކުންތޯ، މިއަދު މަޖިލީހުގެ ރައީސަކަށް އިން މީހާ ޖަލުން ނެރެންވެގެން އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކުރީ ކިހާ ވަރަކަށްތޯ، މިކަންތައްތައްވެސް ހިނގާ ބަލައިލަން، ކޮންމެހެން ވަކި ކަންތައްތަކެއް ނޫނެއްނޫންތޯ ބަލަންވީ،" ނަޝީދު ވިދާޅުވިއެވެ.

ޕީޖީގެ މަގާމުން ބިޝާމް ވަކި ކުރަށް ރައްޔިތުންގެ މަޖިލީހުގަ އާއި ތަފާރު ރަސްމިއްޔާތުތަކުގައި މި ސަރުކާރުގެ އިސް ފަރާތްތަކުން ގޮވާލުމަށްފަހު، ޕީޖީ ކަމުން ބިޝާމް ވަކި ކުރުުގެ މަސައްކަތް މި ސަރުކާރުން ތިން ފަހަރެއްގެ މަތިން ފެށިއެވެ.

އޭގެ ތެެރެއިން ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހެޅުއްމަށްފަހު އަނބުރާ ގެންގޮސްފައިވެއެވެ.

އެމްޑީޕީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅައިގެން، ހަމަ އެ ޕާޓީގެ މެންބަރުން ވޯޓު ދެއްވައިގެން ފާސްކޮށްގެން ޕީޖީކަމުގެ މަގާމުން ބިޝާމް ވަކި ކުރުމުގެ މަސައްކަތް އެންމެ ފަހުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދަން އެ ކޮމިޓީން ފަހުން ވަނީ ނިންމައިފައެވެ.

ކޮމިޓީން އެގޮތަށް ނިންމީ އެމްޑީޕީގެ މެންބަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ޖީހާން ހުށަހެޅުއްވީ ބިޝާމް ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ކޮމިޓީން ފާސްކުރީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ނަމަވެސް ޕީޖީ ވަކި ކުރުމުގެ މައްސަލަ ކުރިއަށްގެންދަން ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަށް ތާއީދު ކުރައްވައި ޖީހާން ވަނީ ވޯޓުވެސް ދެއްވައިފައެވެ.