އިލެކްޝަންސް ކޮމިޝަން

ރައީސް ނަޝީދާއި ޝެއިޚް އިމްރާން ޕާޓީގެ ރައީސް ގެ ގޮތުގައި ބަލައިގަންނަން: އިލެކްޝަންސް

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެ ޕާޓީ ތަކުގެ ރައީސްގެ ގޮތުގައި ބަލައިގަންނަ ކަމަށް އިލެކްޝަންސް ކޮނިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ދާދި ދެންމެ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާއި ޕެރޯލްގެ ގާނޫނަށް ބަލާ އިރު، އެ ދެބޭފުޅުން ޕާޓީގައި އަދާކުރައްވާ މަގާމުން ވަކި ވާނީ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ މުއްދަތުގައިކަން އެނގެން އޮންނަ ކަމަށެވެ.

"މިހާރު އެއިން އެއްވެސް ބޭފުޅަކު ހުންނެވީ ޖަލުގައެއް ނޫން. އެހެންވީމަ އެ ދެޕާޓީއަށް ވެސް އިލެކްޝަނުން ދެކޭގޮތް މިއަދު އަންގާނަން." އަކުރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އެމްޑީޕީން އެޕާޓީގެ ރައީސް ކަމަށް މުހައްމަދު ނަޝީދު އިންތިޚާބުކޮށް ފޮނުއްވާފައިވާ ލިޔެކިޔުންތަކަށް ބަލާ އިރު އެމަނިކުފާނުގެ މަގާމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މަގާމުގެ މުއްދަތު ހަމަވާނީ 2019 އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެބޭފުޅުން ޕާޓީގައި އަދާކުރައްވާ މަގާމުގައި ދެމިތިއްބެވުމާ މެދު ކޮމިޝަނުން ދެކިވަޑައިގަންނަވާ ގޮތް މި ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ސުވާލުތައް ކުރިމަތިކުރުވާތީ ކަމަށް އެކޮމިޝަނުން ކުރީން ވަނީ ބުނެފަ އެވެ. އެއީ އެދެބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން ފަސްކުރި ނަމަވެސް އެ ހުކުމް ބާތިލު ނުކުރާތީ އެވެ.