އަހުމަދު ރިލްވާން އަބްދުﷲ

ރިޕޯޓް ހާމަކުރިތާ ތިންމަހަށް ދާއިރު ރިލްވާންގެ މައްސަލައިގައި ފިޔަވަޅު ނޭޅޭތީ ލަދުގަނޭ: މީކާއީލް

އިބްރާހިމް ޒަކީ

މި ސަރުކާރުގެ އެންމެ މުހިއްމު ވައުދަކީ އިންތިގާލީ އިންސާފު ހޯދައިދިނުން ކަމަށާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް، ހެއްކާއި ގަރީނާއާއެކު އާއްމު ކުރިތާ ތިންމަހަށްވާން ދާއިރު އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމަކީ ދެރަވެ ލަދުގަނެ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން މިއަދު ކުރިއަށް ގެންދިޔަ ކުއްލި މައްސަލައިގެން ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީގެ މެންބަރެއްގެ ހައިސިއްޔަތުން އެ ޕާޓީ ވެރިކަމަށް ގެނައުމަށް ވޯޓު ދެއްވީ، މަގު ހަދަން، ބްރިޖް އަޅަން، އުމްރާނީ ތަރައްގީ ހޯދަން ނޫން ކަމަށެވެ. ބޭނުން ވަނީ އިންސާފު ހޯދަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ޒަމާނުއްސުރެން އިންސާފަށް އެދި އާދޭސްކުރަމުންދިޔަ އާއިލާތައް އަދިވެސް ތިބީ އެގޮތުގައި ކަމަށެވެ.

އަދި އިސްލާހީ ހަރަކާތުގައި އޮވެ އިންސާފު ގާއިމު ކުރުމަށް އައި އެމްޑީޕީން ވެރިކަމުގައި އޮތް އިރު ރިލްވާންގެ އާއިލާއިން، "ތިމަންނަމެންނަށް، އިންސާފު ލިބުނމުގެ އުއްމީދެއް ނެތް ކަމަށް" ވިދާޅުވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އެފަދަ ގޮތަކަށް މަރުތަކުގެ މައްސަލައާ ގުޅޭގޮތުން މިހާތަނަށްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިިގައި ތުހުމަތު ކުރެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ.