ރައްޔިތުންގެ މަޖިލިސް

ހިޔާނާތާއި، މަރުތަކުގައި ޝާމިލްވާ މީހުން ހާމަކޮށް ވަގުތުން ފިޔަވަޅުއަޅަން ގޮވާލާ ކުއްލި މައްސަލައެއްް

އިބްރާހިމް ޒަކީ

1

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާއި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ ނަންތައް ހާމަކޮށް އެމީހުންނާ މެދު ވަގުތުން ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ހަސަން ލަތީފު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް އަގުލަބިއްޔަތުން ވޯޓުދިން އެންމެ މުހިއްމު އެއް ސަބަބަކީ ދައުލަތުގެ ހަޒާއިން ވައްކަންކުރި މީހުންނާއި އެކަމުގައި ބައިވެރިވި މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅައި ގޮތް ނޭނގޭ ގޮތަށް މަރާލައި އަދި ގެއްލުވާލާފައިވާ މީހުންގެ މައަސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ބައެއް މެންބަރުންނާއި އެނޫންވެސް ބައިވަރު އެތައް ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެފަދަ ކަމެއްގައި ކިތަންމެ ކުޑަ މިންވަރަކުންވެސް ބައިވެރި ވަޑައިގެންފައިވާ ބޭފުޅަކު ވާނަމަ އެެެބޭފުޅެއްގެ މަސްއޫލިއްޔަތުތަކުން ދުރުވެ ވަޑައިގެން އިހުލާސްތެރިވުމަށް ހަސަން ލަތީފު އެދިވަޑައިގެންނެވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދާއެކު، މަރާލާފައިވާ 29 ދަރިންގެ މައްސަލަ ބަލައި ފިޔަޅު އަޅަން ޖެހޭ ކަމަށެވެ.

އަދި މި ސަރުކާރަށް އަހަރެއް ވެފައިވާއިރު އެކަމަށް ވަރަށްގިނަ މަސައްކަތް ކުރެވިފައިހުރި ކަމަށާއި އެ މަސައްކަތް ފުރިހަމަކޮށްލުމަށް މިވަގުތަކީ މުހިއްމު ވަގުތެއް ކަމަށާއި އެކަން ލަސްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟