ނޭޙާ ދޫޕިއާގެ ޗެޓްޝޯ "ނޯފިލްޓާ ނޭޙާ" ގެ ހަތަރުވަނަ ސީޒަން ލޯންޗުކޮށްފިއެވެ.
ސީޒަންގެ ފުރަތަމަ ޝޯގައި ގެސްޓެއްގެ ގޮތުގައި ފެނިގެން ދާނީ ސުޕަސްޓާ ޝާހިދު ކަޕޫރެވެ. ޝޯގައި ޝާހިދު ބައިވެރިކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނޭހާ ބުނީ އަބަދުވެސް ބޭނުންވަނީ ގެސްޓުން ގެންނަ އިރު ބެލުންތެރިން ސަޕްރައިޒްކުރަން ކަމަށެވެ.
ޝާހިދު ގެނައުމަށް ދެއަހަރު މަސައްކަތް ކުރި ކަމަށާއި، މިފަަހަރު އޭނާ އެއްބަސްވުމުން އެކަމާ ވަރަށް އުފާވިކަމަށް ނޭހާ ބުންޏެވެ. މީގެ އިތުރުން ޕޭރަންޓްހުޑްގެ ޓޮޕިކަށް ދެމީހުން ވަރަށް ކަނެޓްވި ކަމަށާއި ޝާހިދަކީ ވާހަކަދައްކަން މަޖާ މީހެއް ކަމަވެސް ނޭހާ ބުންޏެވެ.
ޝީގެ މިދިޔަ ސީޒަން ނޭޙާ ހުށަހެޅީ ބަނޑުބޮޑުއިރުއެވެ. މިހާރު އޭނާ އަކީ މަންމައެކެވެ. އެކަމާ ގުޅޭގޮތުން ނޭހާ ބުނީ މިފަހަރު ވަގުތުތައް ބަހަން ޖެހެނީ ދަރިފުޅުގެ ޝެޑިއުލަށް ބަލައިގެން ކަމަށެވެ.
"ވޯކްލައިފް ބެލެންސްކުރަން ދަސްކުރަމުން މި އަންނަނީ. އަބަދުވެސް ޝޯ ފަަށަނީ ދިރިއުޅުމާ ގުޅޭ ވާހަކައަކުން. ނަމަވެސް މިފަަހަރު ގިނައިން ދެއްކޭނީ މަދާހުޑްގެ ވާހަކަ" ނޭހާ ބުންޏެވެ.
ނޯފިލްޓާ ނޭހާގެ ސީޒަން ފޯގައި 12 ގެސްޓުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ރާޖްކުމާރު ރާއޯ، މަލައިކާ އަރޯރާ، ދުލްގަރު ސަލްމާން އަދި ތާޕްސީ ޕަންނު ހިމެނެއެވެ.