މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ފާހަގަ ކުރެވޭ އެއްވެސް މައްސަލައެއް ނުހިނގާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ހުރިހާ ފޮއްޓެގެވެސް ވޯޓު ގުނާ ނިމުމަކާ ގާތްވެފައިވާ އިރު، މިރޭ އިލެކްޝަންސްއިން ބޭއްވި ޕްރެސްގައި ޝަރީފް ވިދާޅުވީ މިއަދު ކުރިއަށް ދިޔައީ އަމާން އޮމާން އިންތިހާބެއް ކަމަށާއި، އިންތިހާބުގައި ފާހަގަކުރެވޭ އެއްވެސް މައްސަލައެއް ކުރިއަށް ނުދާ ކަމަށެވެ.
"އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ. ރީ ރަޖިސްޓްރޭޝަންގައިވެސް ދެ މައްސަލައެއް ފިޔަވާ އިތުރު އެއްވެސް މައްސަލައެއް އައިސްފައި ނުވޭ. އޭގެން އެގެނީ އިހުލާސްތެރިކަމާއެކު ގައުމަށް މަސައްކަތެއް ކޮށްދިނުމަށް އިލެކްޝަންސްއިން މަސައްކަތް ކޮށްދިންކަން. ހުރިހާ މުއައްޒަފުންނާއި އޮބްޒާވަރުންނާއި ޕާޓީތަކުގެ މޮނީޓަރުންނަށްވެސް ޝުކުރު އަދާކުރަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިރޭ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނެ ކަމަށާއި، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
މިރޭ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމި، ގާނޫނުގައި ވާގޮތުގެ މަތިން ހަތް ދުވަހުގެ ތެރޭ ރަސްމީ ނަތީޖާ އިއުލާން ކުރާނަން. އިރާދަކުރެއްވިއްޔާ 31 ސެޕްޓެންބަރުގެ ކުރިން ރަސްމީ ނަތީޖާ އިއުލާން ކުރާނަން.ޝަރީފް
ޝަރީފް ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއްވެސް އިލެކްޝަންސްއިން ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނުގައި ވާގޮތުގެ މަތިން ހަމަހަމަކޮށް ކަމަށެވެ. އަދި މިއަދުގެ އިންތިހާބު އަމާން އޮމާންކަންމަތީ ކުރިއަށް ގެންދިއުމަށް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށްވެސް ޝުކުރު އަދާކުރާ ކަމަށްވެސް ޝާރީފް ވިދާޅުވިއެވެ.