އިބްރާހިމް ޒަކީ
އެސްޓީއޯގެ ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރި ބޯޓެއް އަޑިޔަށް ހިނގައްޖެ އެވެ.
އެސްޓީއީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމުރު ވަނީ ދާދި ދެންމެ މިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އަޑިޔަށް ގޮސްގެން އުޅެނީ އެސްޓީއޯގެ ބޯޓެއް ކަމަށް މީސް މީޑިއާގައި ވާހަކަތައް ފެތުރެމުން ދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އަމްރު ވިދާޅުވީ އެއީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށާއި އެއީ ސަޕްލަޔަރުގެ ބޯޓެއް ކަމަށެވެ.
އަމްރޫ އިތުރަށް ވިދާޅުވީ މިހާ ގިނަ ފިޔާ ހިފައިގެން ދަތުރުކުރި ބޯޓެއް މުދަލާ އެކު އަޑިޔަށް ދިޔުމުން އޭގެ ސަބަބުން ދަތިތަކެއް ދިމާވާނެ ކަމަށާއި އެކަމަކު އެޔަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
"އެސްޓީއޯއިން މަސައްކަތް ކުރަމުން މި އަންނަނީ ބާޒާރުގައި ފިޔާގެ އަގު އުފުލުނަ ނުދީ ހެޔޮ އަގުގައި ރައްޔިތުންނަށް ފިޔާ ފޯރުކޮށްދިނުމަށް. އެ ގޮތުން ފިޔާ ލޯޑު ކޮށްގެން މި ބޯޓު އައީ. އަޑިޔަށް މި ދިޔައީ ރާއްޖެއާއި ވަރަށް ކައިރިވީ ފަހުން އެކަމަކު ރާއްޖޭ ސަރަހައްދުން ބޭރަށް." އަމްރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ހާދިސާ މިހެން ދިމާވި ނަމަވެސް، ފިޔާގެ އަގު އުފުލުނަ ނުދިނުމަށް ކުރެވެން އޮތް މަސައްކަތެއް އެސްޓީއޯއިން ކުރާނެ ކަމަށެވެ. އެ ގޮތުން އެއާފްރެއިޓް ކޮށް (ވައިގެ މަގުން) ފިޔާ ގެނެސްގެން ނަމަވެސް އެކަމަށް ހައްލު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
ފިޔާގެ ބާޒާރުގައި ދާދި ފަހުން ވަނީ އާދަޔާ ހިލާފަށް ބޮޑު ވެގެން ގޮސްފަ އެވެ. އެ ގޮތުން ފިޔާ ބަސްތާއެއްގެ އަގު 1000 ރުފިޔާއާ ހަމަޔަށް ވަނީ އަރައިފަ އެވެ. ވަކި ކިލޯއެއްގެ އަގު ވެސް 70 ރުފިޔާއަށް އެރި އެވެ. އެހެން ނަމަވެސް އެސްޓީއޯން ފިޔާ ގެނެސް ވިއްކަން ފެށިފަހުން މިހާރު ވަނީ އަގު ތިރިވެފަ އެވެ.