ރައްޔިތުންގެ މަޖިލިސް

އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު އުވާލުމުުގެ ބިލު ބަލައިގަނެ ކޮމެޓީއަށް

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވަން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅުކުރުމުގެ ބިލު ބަލައިގަނެ، ކޮމެޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. އަދި އެބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރުން ވޯޓް ދެއްވި އިރު، ވަކި ގޮތަކަށް ވޯޓްދެއްވަން ބޭނުންނުވާ ކަމަށް ދެ މެންބަރުން ވޯޓް ދެއްވިއެވެ.

މި ޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރަ އަބްދުﷲ ޝާހިދުއެވެ. ބިލު ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އަބުރުގެ ގާނުނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި، އެއީ އެންމެ އިސްކަން ދެއްވި ވައުދު ކަމަށެވެ.

ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު މިހާރު އޮތްގޮތުން ބައެއް މީޑިއާތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި، އެންމެ ބޮޑެތި ގެއްލުން ލިބުނު މީޑިއާގެ ތެރޭގައި ރާއްޖެ ޓީވީ ހިމެނޭ ކަމަށެވެ.

އަދި އެއީ ރައްޔިތުންނަށް ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހުނު ގާނޫނެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު މިހާރު އޮތްގޮތަށް ބާއްވަން ރައްޔިތުން ގަބޫލު ނުވާނެ ކަމަށެވެ.

މިބިލަށް ތާއީދުކުރައްވާ ބައެއް މެންބަރުން ދެއްކެވި ވާހަކައިގައި އަބުރުގެ ގާނޫނަކީ ވަކި މީހެއްގެ ދިފާއުގައި ހެދި ގާނޫނެއް ކަމަށް ވިދާޅުވިއެވެ.