ޝަހީދާ އަބްދުﷲ ސައީދު
ފިނޑި މީހަކަށް ވާން ބޭނުން ނުވާތީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ރިޒާ ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް މަރުހަލާގައި ޖަވާބުދާރީވުމަށް ރިޒާއަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާއަކީ ފިނޑި މީހެއް ނޫން ކަމަށެވެ. އަދި ފިނޑިމީހަކަށް ވެގެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.
ރިޒާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށްފައިވާތީ އެކަން ދޮގުކުރައްވާ ރިޒާ ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ އެމްޕީއެލްގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރެއްވި މައްސަލައެއް ކަމަށެވެ.
އަދި އެމައްސަލައިގައި އޭނާ ކޯޓަށް ދިޔައީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކުން 42 މިލިއަން ރުފިޔާ ހޯދަން އަމިއްލަ ފަރާތަކުން ކޮށްފައިވާ ދައުވާއެއްގައި ސަރުކާރުގެ ކުންފުނި ދިފާޢު ކުރަން ކަމަށް ރިޒާ ވިދާޅުވިއެވެ.
އަދި އެމައްސަލައިގައި ކުންފުނި 42 މިލިއަން ރުފިޔާގެ ދަރަންޏަކުން ސަލާމަތް ކޮށްދީފައިވާކަމަށް ރިޒާ ވިދާޅުވިއެވެ. އަދި އެއީ ކޮރަޕްޝަން ކަމަށް ދެކޭ ނަމަ، އެކަމަށް އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.