ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށްފަހު، ރިޒާ މެންބަރު ކަމުން ވަކިކުރުމަށް ފާސްކޮށްފައި ވަނީ 42 މެންބަރުންގެ ވޯޓުންނެވެ.

ރިޒާ މެންބަރު ކަމުން ވަކިކުރުމަށް ނުފެންނަ ކަމަށް 24 މެންބަރުން ވޯޓް ދެއްވި އިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުން ނުވާ އެއް މެންބަރަކު އިންނެވިއެވެ.

އެ މައްސަލައިގެ ބަހުސް މަރުހަލާގައި ޖަވާބުދާރީވުމަށް ރިޒާއަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާއަކީ ފިނޑި މީހެއް ނޫން ކަމަށެވެ. އަދި ފިނޑިމީހަކަށް ވެގެން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

ބަހުސް މަރުހަލާގައި ރިޒާއަށް ތާއީދު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރިޒާ މެންބަރު ކަމުން ވަކިކުރުމަކީ ޒާތީ ކަމެއް ކަމަށާއި، އިންސާފުގެ ތަރާދުން ކިރާލުމުން އެކަން ހާމަވެގެންދާނެ ކަމަށެވެ. އަދި ރިޒާއަކީ އެމަގާމަށް ގާބިލު ބޭފުޅެއް ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވީ ރިޒާއަކީ ޖޭއެސްސީގެ މެންބަރަކަށް ވެފައި، ޝަރީއަތުގެ މަޖިލީހުގައި ވަކާލާތު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ 23 ޖުލައި 2014 ގައެވެ. އަދި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 24 ޖުލައި 2014 ގައެވެ.