އިބްރާހިމް ޒަކީ
އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ މައްސަލައާ ގުޅިގެން، ޝަހީމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމުމުން، އެކަމަށް ޝަހީމު ރައްދު ދެއްވައިފިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނަވައިގެން ޑރ. ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ ކަމަށްބުނެ އެ މައްސަ ބަލައި ދިނުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނަވައިގެން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އަލީ އާޒިމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެގެންތޯ ބައްލަވައި ދެއްވުމަށް އެ ސިޓީގައި އާޒިމް އެދިވަޑައިގެންފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަދި އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުއްވާފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ރައްދު ދެއްވައި ޑރ. ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ މަގާމެއްގައި ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި އެމްޑީއެން ގެ ރިޕޯޓް ކުށްވެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހުން މީހުންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް ކަމަށް ޝަހީމު ވިދާޅުވެފައިވެއެވެ.
"މީގެ މަގުސަދަކީ ކޮބައިތޯ، ކޮންމެ މަގާމެއްގަ ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ދެއްކޭނެ، އެމްޑީއެން ގެ ރިޕޯޓް ކުށްވެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަންޖެހޭ ކަމެއް، މަޖިލީހުން މީހުންނަށް ބިރު ދައްކަން އުޅޭނެ ކަމެއްނެތް،" ޑރ.ޝަހީމު ވިދާޅުވެފައިވެއެވެ.
އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް ހުންނަވައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބު ވެޑައިގެންނެވުމުން ޕީޕީއެމުން ވަކިވެ ވަޑައިގެންނެވި، ޝަހީމް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގަ އެވެ.