މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

އެމްޑީއެން ރިޕޯޓުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުން، ޝަހިންދާގެ މަލާމާތެއް ފުލުހުންނަށް

އާނިފާ ހުސެއިން ސިރާޖް

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ ތަހުގީގު ކުރިއަށްގެންދާ ގޮތުން އެ ނެޓްވޯކުގެ ރައީސާ، ޝަހިންދާ އިސްމާއީލްގެ މަލާމާތެއް ފުލުހުންނަށް އަމާޒުކޮށްފިއެވެ.

"ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލައާ ގުޅިގެން، ދީނީ ތިން އިލްމުވެރިން މެދުވެރިކޮށް ވަކިވަކިން އެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއްކޮށް ރިޕޯޓްގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށް އިއްޔެ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހިންދާ ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ފުރަތަމަ އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ ފަރާތުން އެދުނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އަނެއްކާވެސް އެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ މައްސަލަ ރިވިއު ކުރުމަށް އެދުނީ އިސްލާމިކް މިިނިސްޓްރީގެ ފަރާތުން ކަމަށެވެ.

ޝަހިންދާ ވަނީ ރިޕޯޓުގެ މައްސަލަ ގެންދަން އުޅޭ ހިސާބާ މެދުވެސް ސުވާލު އުފައްދާފައެވެ. އަދި މައްސަލަ ގެންދަވަން އުޅެނީ ރައީސް މައުމޫންގެ ދައުރާ ހިސާބަށް ތޯ ސުވާލު އުފައްދަވައި ޝަހިންދާ ވިދާޅުވީ ރައީސް މައުމޫނުގެ ފަރާތުންވެސް އެ ރިޕޯޓާ މެދު ފުލުހުން ލަފާ ހޯއްދަވަންވީނޫންތޯ އެވެ.

އަދި ފުލުހުން ވަރަށް ޕްރޮފެޝަނަލް ކަމަށް ޝަހިންދާ ވިދާޅުވީ މަލާމާތުގެ ރާގަކަށެވެ.