ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އޯއައިސީގެ އެޑްވައިޒަރަކަށް ހުންނަވައިގެން ޑރ. ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ މައްސަލަ ބަލަނީ

އިބްރާހިމް ޒަކީ

2

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނަވައިގެން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ދާހިލީ ކަންކަމާބެހޭ މައްސަލަ ބަލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހުންނަވައިގެން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭ މައްސަލަ ބަލައިދިނުމަށް އެދިފައިވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށެވެ.

އެ މައްސަލަ ބެލުމަށް އެދި އާޒިމް މަޖިލިސް ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެގެންތޯ ބައްލަވައި ދެއްވުން އެދޭ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަަލަ ކޮމިޓީން ބަލައި ނިންމެވި ގޮތް ދާދި އަވަހަށް އަންގަވާނެ ކަމަށް ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ އަކަށް ހުންނަވައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބު ވެޑައިގެންނެވުމުން ޕީޕީއެމުން ވަކިވެ ވަޑައިގެންނެވި، ޝަހީމް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ނެރުނު އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ޝަހީމު ގެންދަވަނީ އެކި ފަހަރު މަތިން ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟